މޯލްޑިވްސް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް)އިން ޓްރާންސްޝިޕްމަންޓުގެ ހިދުމަތް ދިނުމަށް ކޮންޓެއިނަރު އުފުލާ އެމްއެސްއެސް އޯޕަލް ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރީ މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްއެސްއެސް އޯޕަލް ބޯޓު ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ބޯޓަކީ އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކޮށް ބައިނަލްއަގުވާމީ ބަދަރުތަކާ ގުޅާދިނުމުގެ ގޮތުން ގަންނަ ބޯޓެއް ކަމަށް އެމްއެސްއެސްއިން ބުންޏެވެ.
މި ބޯޓަކީ 105 ކޮންޓެއިނާ އުފުލޭ ކެޕޭސިޓީ ހުރި، ދިގު މިނުގައި 67 މީޓަރު ހުރި 3.2 މީޓަރުގެ ޑްރާފްޓްގެ ބޯޓެކެވެ. މި ބޯޓަކީ ކްރޭން ހުންނަ 1553 ޓަނުގެ ޑެޑްވެއިޓު އުފުލޭ ބޯޓެކެވެ. މި ބޯޓުން ސިމެންތި ފަދަ މުދާ ވެސް އުފުލޭނެ އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ކުންފުނިން މި ހިދުމަތް ފަށަން ޖެހުނީ މިހާރު މި ހިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެން ނުހުންނާތީ ކަމަށެވެ. އަދި މި ހިދުމަތަކީ އައްޑޫ ސަރަހައްދަށް މުދާ ގެންދިއުމަށް ބޮޑު ހަރަދެއް ހިނގައި، ތަކެތީގެ އަގު ބޮޑުވެފައި ވާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފަށާ ހިދުމަތެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އަދި މޫސުން ގޯސްވާ ދުވަސްރު ދެކުނުގެ ރަށްރަށަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ލާމަރުކަޒު ކުރުމަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރާންސްޝިޕްމަންޓުގެ ހިދުމަތް އައްޑޫއިން ފެށި ނަމަވެސް އެކި ހިސާބުތަކަށް މި ހިދުމަތް ފުޅާކުރާނެ އެވެ.
މި ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
މި ބޯޓު ރާއްޖެ ގެނެސް އިދާރީ މަސައްކަތްތައް ނިމުމުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޯޓު ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ އެވެ. ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންނެވެ.
އެމްއެސްއެސް އޯޕަލް އަކީ އެމްއެސްއެސް ކުންފުނިން ގެންނަ ފަސްވަނަ ބޯޓެވެ.