ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) މިއަދު ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީން ވަކިވެވަޑައިގެން ދާދި ފަހުން ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރެއްވި މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މާއްޓޭ އެ މަގާމުން ވަކިކުރެއްވި ފަހުން، އެ ޕާޓީން މީޑިއާ އަށް ހާއްސަކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް މިރޭ ވަނީ މާއްޓޭގެ އިސްތިއުފާގެ ސިޓީއެއް ހިއްސާ ކޮށްފަ އެވެ.

ނަމަވެސް ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން އާސިމް މުހައްމަދު "މިހާރު" އަށް މިރޭ ވިދާޅުވިީ، މާއްޓޭ އިސްތިއުފާ ދެއްވާ ވާހަކައެއް ކުރިން އެންގެވި ކަމަށެވެ. އެކަމަކު، އިސްތިއުފާގެ ސިޓީ ބޯޑަށް ލިބިފައި ނުވާތީ މިއަދާ ހަމައަށް ވެސް މާއްޓޭ ހުންނެވީ ސަރުކާރުގެ މަގާމުގައި ކަމަށް އާސިމް ވިދާޅުވި އެވެ.

"އިސްތިއުފާ ދެއްވަން އުޅުއްވާ ވާހަކަ މައުރޫފް ވިދާޅުވި. އެކަމަކު ސިޓީ ނުފޮނުއްވަވާ. އެކަމަކު ފަހުން ރައީސް އޮފީހުން އަޅުގަނޑުމެންނަށް އެންގި މައުރޫފް މަގާމުން ވަކިކޮށް ދިނުމަށް އެދި. މިއަދު ހަވީރު ބޯޑުގެ ބައްދަލުވުމަކުން ވެސް އެގޮތަށް ނިންމި. އަދި އަޅުގަނޑު ވާނީ މައުރޫފަށް ޓެކްސްޓަކުން އެކަން އަންގާފައި،" އާސިމް ވިދާޅުވި އެވެ.

ނަމަވެސް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މާއްޓޭ ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކި ކުރީ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ މި ވަގުތު ހާލަތު ހުރި ގޮތުން ކަމަށެވެ.

މާއްޓޭ މަގާމުން ވަކި ކުރި އިރު، ސަރުކާރުގެ ފަރާތުން ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ. އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުފައްދާފައިވީ ނަމަވެސް އެ ކުންފުނިން ކުޅިވަރާ ގުޅޭ ކަންކަމުގައި އެކަށީގެންވާ ގޮތަކަށް ހަރަކާތްތެރި ނުވާތީ ފާޑުކިޔާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މާއްޓޭގެ އަނބިކަނބަލުން އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މަރިޔަމް ނާޒިމާއަކީ ވެސް ނަޝީދަށް ތާއީދު ކުރައްވާ، ޑިމޮކްރެސްޓްސް ޕާޓީގެ އިސް މެމްބަރެކެވެ.