ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން، އަންނަ އަހަރު ޖެނުއަރީ 13 ގައި "ޓީމް ރަން" ނަމުގައި އިވެންޓެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޓީމް ރަން ގައި ބައިވެރި ވެވޭނީ ފަސް މީހުންގެ ގްރޫޕްތަކަށެވެ. އިވެންޓް ކުރިއަށް ދާނީ ތިން ކެޓެގަރީއަކަށެވެ. އެއީ ފިރިހެން، އަންހެން އަދި ދެ ޖިންސު އެއްކޮށް ވާދަކުރާ މިކްސްޑް ކެޓެގަރީ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނި ގޮތުގައި މި އިވެންޓްގެ މައިގަނޑު މަގްސަދަކީ އިންޑިވިޖުއަލް ހުނަރަށް ވުރެ ބޮޑަށް ޓީމުވަންތަ ރޫހު އާލާ ކުރުމެވެ. އާއްމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި އިވެންޓުގެ މަގްސަދެކެވެ.

ފަސް ކިލޯމީޓަރަށް ދުވަން ޖެހޭ މި އިވެންޓް ފުރިހަމަ ކުރެވުނު ކަމަށް ވާނީ ޓީމުގެ ފަސް ބައިވެރިން ވެސް އެއްފަހަރާ ރޭސް ނިންމުމުން ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.

ކޮންމެ ކެޓެގަރީއެއްގެ އެއްވަނަ ހޯދާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައި ވާއިރު، ދެ ވަނަ އަދި ތިން ވަނައަށް ދޭނީ ގިފްޓް ވައުޗަރެކެވެ. މީގެ އިތުރުން އެއް ގަޑިއިރު ތެރޭ ރޭސް ފުރިހަމަކުރާ ކޮންމެ ޓީމަކަށް ވެސް މެޑަލް ލިބޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިވެންޓުގައި ބައިވެރިވުމަށް ފުރަން ޖެހޭ ރެޖިސްޓްރޭޝަން ފޯމް، ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން، އެ ކޯޕަރޭޝަންގެ އޮފީހުން ލިބެން ހުންނާނެ އެވެ.

ރެޖިސްޓާ ވުމަށް އޮންލައިން ކޮށް ފޯމް ފުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ބައިވެރިވާން އެދޭ ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހުން ވެސް ލިބެން ހުންނާނެ އެވެ.

އިވެންޓް ގައި ބައިވެރި ވުމުގެ ފީއެއްގެ ގޮތުން ކޮންމެ ބައިވެރިއެއްގެ އަތުން 100 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވެ އެވެ.

ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ޑިސެމްބަރު މަހުގެ 25 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:30 ގަ އެވެ.