ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ސިޔާމް ރޯމޭނިއާއިން ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

އެ މަގާމު ދިވެހި ސަރުކާރުން ގަބޫލުކުރި ކަމުގެ ލިޔުން ސިޔާމާ އިއްޔެ ހަވާލުކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވަނީ ސިޔާމް އެ މަގާމަށް އައްޔަން ކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޮނަރަރީ ކޮންސުލްއަކީ ގައުމުތަކުން އެހެން ގައުމުތަކަށް ކަނޑައަޅާ ރަމްޒީ މަގާމެކެވެ. އެ މަގާމަށް އާންމުކޮށް އައްޔަން ކުރާނީ ވެސް އެ ގައުމެއްގެ ރައްޔިތެކެވެ. ރޯމޭނިއާގެ އިތުރުން އެހެން ގިނަ ގައުމުތަކުން ވެސް ރާއްޖެ އަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ދިވެހި އައްޔަން ކޮށްފައިވެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ސިޔާމާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގެ ބޭނުމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ކަށަވަރު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭނުންފުޅަކީ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރައްވައި ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރެއްވުމެވެ.