ކްރިސްމަސް ދުވަސް ފާހަގަކުރުމަށް މާލޭގައި އެއްވެސް ހަރަކާތެއް ނުހިންގަން ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކި ގައުމުތަކުގައި ޣައިރު މުސްލިމުން މި އަހަރުގެ ކްރިސްމަސް ދުވަސް ފާހަގަކުރިއަސް، އެފަދަ އެއްވެސް ކަމެއް މާލޭގައި ހިންގުމަކީ ހިތްވަރު ދޭ އަދި ހުއްދަދޭ ކަމެއް ނޫން ކަމަށެވެ.

ކައުންސިލުން މި އިއުލާނު ނެރުނީ ވަކި ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

އެހެންވެ، މާލޭގެ އެއްވެސް ތަނެއްގައި އެފަދަ އަމަލުތައް ނުހިންގަން އިލްތިމާސްކޮށްފައިވެ އެވެ.

މާލޭގައި ކްރިސްމަސް ފާހަގަކުރަން އެއްވެސް ހަރަކާތެއް ނުހިންގަން އެދުނަސް ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަކުރެ އެވެ. ނަމަވެސް، އެ ދުވަސް ފާހަގަނުކުރުމަށް ގޮވާލައި ބައެއް ކައުންސިލްތަކުން މީގެ ކުރިން ވަނީ ބަޔާން ނެރެފަ އެވެ.

ކްރިސްމަސް ފާހަގަ ކުރުމަށް ރާއްޖޭގެ ރިސޯޓްތަކުގައި ކޮންމެ އަަހަރަކު ވެސް ބޮޑެތި ހަފްލާތައް ބާއްވަ އެވެ.