ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެމްޑީޕީއާ އެކު ކޯލިޝަން ނުހެދުމަކީ އިންތިހާބު ކާމިޔާބުކުރަން ގޮންޖެހުމެއް ނޫން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިސްވެ އޮވެ ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަން މި ސަރުކާރުގެ އިތުރު ދައުރަކަށް އެމްއާރުއެމަށް ވެސް އޮތީ ދައުވަތު ދީފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ދައުވަތާ ގުޅިގެން އެމްއާރުއެމް އާއި އެމްޑީޕީގެ ދެ ބައްދަލުވުމެއް ކުރިއަށް ދިޔަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގަތް ފަހު ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަމަށް އެދި އެމްއާރުއެމްގެ ގިނަ ހުށަހެޅުންތަކެއް އެމްޑީޕީ އަށް ހުށަހެޅި އެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުނުކުރާނެ ކަމާއި ކޯލިޝަން ދަމަހައްޓައިގެން ކުރިއަށް ދެވޭނެ ކަމުގެ ޔަގީން ކަމަށް އެމްއާރުމުން އެދުނެވެ.

މި ކަންކަމާ މެދު ގޮތެއް ނުނިމެނީސް އެމްއާރުއެމުން ވަނީ އެ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. ޕާޓީގެ ރައީސް ފާރިސް މައުމޫން އިންތިހާބުގައި އެމްއާރުއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމާފައިވާ އިރު އިއްޔެ ވަނީ ޖުމްހޫރީ ޕާޓީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެކުގައި މަސައްކަތް ކުރާނެ ގޮތަކަށް މަޝްވަރާކުރުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ނުހަދާނެ ކަން އިއުލާންކޮށްފަ އެވެ. ސަބަބެއްގެ ގޮތަށް ދެއްކީ އެމްޑީޕީގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ނުކުރެވުމެވެ.

މި ސަރުކާރު ކޯލިޝަންގެ އިސް ލީޑަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: ޖޭޕީ އާއި އެމްއާރުއެމުން ނިންމީ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ނުހަދަން. ---ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރު ކޯލިޝަންގެ އިސް ލީޑަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު: ޖޭޕީ އާއި އެމްއާރުއެމުން ނިންމީ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ނުހަދަން. ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްއާރުއެމްގެ ނިންމުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރޭ ވިދާޅުވީ ކޯލިޝަންގެ އިތުރު ދައުރަކަށް އެމްޑީޕީއާ އެކު ކުރިއަށް ނުދާން ނިންމުމަކީ އެ ޕާޓީއަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ނުކުރޭތީ ވަކިވިޔަސް އެ ސިޔާސަތުތަކަކީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ކަމުނުދިއުމަކީ ރައްޔިތުންގެ ސިޔާސަތުތައް ކަމުނުދިއުން،" އިބްރޭ ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރަށް ވެސް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލަމުން އަންނަނީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ރައްޔިތުން ބޭނުންވާ ހުށަހެޅުންތަކެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމާޒަކީ ދެ ވަނަ ދައުރެއް ކަށަވަރުކުރުން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ޕަސެންޓޭޖަކުން މި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރުއެމް އިން ކޯލިޝަންގެ އިތުރު ދައުރަކަށް އެމްޑީޕީއާ އެކު ނުތިބެން ނިންމި އިރު ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އޮތީ އެ ޕާޓީ އުވާލަން ނިންމައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން އީސީގެ ނިންމުމަށް އަމަލުނުކުރަން އޮތީ އަމުރެއް ނެރެފަ އެވެ.

މި ސަރުކާރު ކޯލިޝަން ހެދީ އެމްޑީޕީ އިސްވެ އޮވެ ޖޭޕީ އާއި އެމްއާރުއެމް އާއި އަދާލަތު ހިމަނައިގެންނެވެ. ދެ ވަނަ ދައުރަކަށް ކޯލިޝަންގެ ދައުވަތު ގަބޫލުކުރީ އަދާލަތުން އެކަންޏެވެ. ޖޭޕީގެ ނިންމުމަކީ ވެސް ވަކިން އިންތިހާބުގައި ވާދަކުރުމެވެ.

އެމްޑީޕީ ކޯލިޝަންއާ އިތުރަށް ގުޅުނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަމުން ގެންދަވަނީ އެއް ބުރުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސް އާއި ޖޭޕީއަކީ ގޮންޖެހުމެއް ނޫން ކަމަށާއި އެމްޑީޕީއާ ވާދަވެރި ޕާޓީއަކީ ޕީޕީއެމް ކަަމަށް ރައީސް ވިދާޅުވި އެވެ.