ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން މިއަހަރުގެ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓް ކާމިޔާބު ކޮށްފި އެވެ.
ޑީއެސްސީން ވަނީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 ގޭމުން މެޗު ކާމިޔާބު ކޮށްފަ އެވެ.
މިއީ ޑީއެސްސީން ގައުމީ މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. ގައުމީ މުބާރާތް ބާއްވަން ފެށީ 2021 ވަނަ އަހަރެވެ. ޑީއެސްސީން ފުރަތަމަ މުބާރާތް ކާމިޔާބު ކުރީ 2022 ވަނަ އަހަރުގެ ފައިނަލްގައި ކްލަބް އީގަލްސް ބަލިކޮށެވެ.
ގައުމީ މުބާރާތުގައި މިއަހަރުގެ ސިންގަލްސް ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު ދުންޔާޒް އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހުސެއިން ފަޔާޒްގެ މައްޗަށް 11-7 ފްރޭމުން ކުރި ހޯދައިގެންނެވެ.
އަންހެން ޗެމްޕިއަންކަން ހޯދީ އާމިނަތު ފާތީ އެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ފަގީހާ އިބްރާހިމްގެ މައްޗަށް 7-5 ފްރޭމުން ކުރި ހޯދައިފަ އެވެ.
ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝަރީފް އާއި މުހައްމަދު ސަމީރްގެ ޕެއާ އެވެ. މި ޕެއާ ވަނީ ފައިނަލްގައި އަބްދުﷲ އަފީފް އާއި އިސްމާއިލް ސުވައިދުގެ ޕެއާއާ ވާދަކޮށް 9-8 ފްރޭމުން މޮޅުވެފަ އެވެ.
އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ދީނާ އަހުމަދު އާއި އައިޝަތު ޔަޝްފާގެ ޕެއާ ހޯދީ ފައިނަލްގައި 7-5 ފްރޭމުން އައިޝަތު އަލީ އާއި އާމިނަތު ފާތީގެ ޕެއާ ބަލިކޮށްގެންނެވެ.
މުބާރާތުގެ މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދު އާއި އާމިނަތު އަޒްރާގެ ޕެއާ އެވެ. މި ޕެއާ ވަނީ ފައިނަލްގައި ދީނާ އަހުމަދު އާއި މުހައްމަދު އަކްޝަމް ވަހީދުގެ ޕެއާއާ ވާދަކޮށް 7-6 ފްރޭމުން މޮޅުވެފަ އެވެ.