މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހުސެއިން ފަޔާޒާއި ދީނާ އަހުމަދު ހޯދައިފި އެވެ.

މިދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ފައިނަލްގައި ކުޅުނު ފަޔާޒް ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އިސްމާއިލް ސުވެއިދާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު 11-10 ފްރޭމުން ކާމިޔާބު ކޮށްފަ އެވެ.

ފިރިހެން އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެންޕިއަން ފަޔާޒާއި ރަނަރަޕް ސުވައިދުގެ އިތުރުން މުޙައްމަދު ސާހިލް ހަމީދާއި އަހުސަން ހާޝިމާއި މިދިޔަ އަހަރުގެ ޗެމްޕިއަން ހަސަން ޝާޒް މުޙައްމަދާއި ފަތުހުﷲ ޖަމީލާއި އަލީ ފަޔާޒް އަދި މޫސާ ޝާމިއު އެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ދީނާ ހޯދީ ފައިނަލްގައި އައިޝަތު އަލީއާ ވާދަކޮށް 7-2 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި ބައިގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ދީނާ އާއި އައިޝަތު އަލީގެ އިތުރުން ދެން ހިމެނެނީ ފަގީހާ އިބްރާހިމް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އައިމިނަތު އަޒްރާ އެވެ.

އެމްޕީބީއޭ އިން އަންނަ މަހު 9 ބޯލް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވަމުން އަންނައިރު، އަންނަ އޮކްޓޯބަރު މަހު ގައުމީ ބިލިއާޑް ޗެމްޕިއަން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އަށް ފަހު ނޮވެމްބަރުގައި 9 ބޯލް އެސޯސިއޭޝަން ކަޕް ބޭއްވުމަށް ތާވަލު ކޮށްފައިވެ އެވެ.

އެމްޕީބީއޭ އިން މި އަހަރު ފުރަތަމަ ބާއްވާފައި ވަނީ 8 ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ސުވެއިދު ހޯދީ، ފައިނަލްގައި މުހައްމަދު ސާހިލް ހަމީދާ ވާދަކޮށް 11-8 ފްރޭމުން މޮޅުވެގެންނެވެ. އަންހެން ބައިގެ ފައިނަލްގައި އާމިނަތު ހަލީމް 6-7 ފްރޭމުން ބަލިކޮށްގެން ޗެމްޕިއަންކަން ހޯދީ އަޒްރާ އެވެ.