މާދަމާ ފަށާ "މޯލްޑިވްސް އޯޕަން 2024" – 10 ބޯލް ޗެމްޕިއަންޝިޕް ބިލިއާޑް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ހިތްވަރު ދެއްވައިފި އެވެ.

ކުޅުންތެރިންނަށް ޒޯޖީ ހަވާލު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުޅުންތެރިންގެ އަޒުމަކަށް ވާން ޖެހޭނީ މިދިޔަ އަހަރުގެ މުބާރާތަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ 16 ކުޅުންތެރިން ވާދަކުރެ އެވެ. ބޭރުގެ ގައުމީ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި މިފަހަރު ވާދަކުރާ ޖުމްލަ ކުޅުންތެރިންގެ އަދަދު މައްޗެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 96 ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފަސް ކުޅުންތެރިން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ވާދަކުރި ޖުމްލަ 64 ކުޅުންތެރިންގެ ތެރެއިން ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ނޮކައުޓް ބުރަށް ދަތުރު ކުރި، ދިވެހި ހަމައެކަނި ކުޅުންތެރިޔަކީ ހަސަން ޝާޒް މުހައްމަދު (އާދު) އެވެ.

އެ މުބާރާތަކީ ރާއްޖޭގެ ތާރީހުގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީޒް ޓައިޕޭގެ ކޯ ޕިން ޗަން އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފިލިޕީންސްގެ ޔޯހާން ޗުއާއާ ވާދަކޮށް 10-8 ފްރޭމުން ކުރި ހޯދައިގެންނެވެ.

މި ފަހަރުގެ މޯލްޑިވްސް އޯޕަންގައި ވެސް އާދު ހިމެނެ އެވެ. އާދުގެ އިތިުން ދެން ތިބި ދިވެހި ކުޅުންތެރިންނަކީ، އަހުސަން ހާޝިމް، އިސްމާއިލް ސުވައިދު، މުހައްމަދު ސާހިލް ހަމީދު، މުހައްމަދު ޝަރީފް، މުހައްމަދު އަކްސަމް ވަހީދު، އިސްމާއިލް ޖީހާން، ހަަސަން ޝަފްރާޒް، ހަސަން އުޝްވަތުﷲ، ދުންޔާޒް މުހައްމަދު، އަލީ ފަޔާޒް، ހުސެއިން ޝައްމާން، ފަތުހުﷲ ޖަމީލް، ހިޝާމް މަޖީދު، އަހުމަދު ނަފީލް އަދި އަހުމަދު ޝިވާޒް އެވެ.

ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ ހުސެއިން ސަނީފް އެވެ. އަދި ކޯޗަކީ ޝަޒީން އަބްދުލް ސަމަދު އެވެ.

ދުނިޔޭގެ ޕޫލް އެސޯސިއޭޝަންގެ ރޭންކިން އަށް ގުނާ މި މުބާރާތް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.