ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ރިޔާސީ ކެންޑިޑޭޓެއް ނުދެއްކި ޕީޕީއެމް ވާނުވާ ހާލަތެއްގައި އޮތް އިރު އެ ޕާޓީގެ އެތައް ސަޕޯޓަރުންނެއް ޝަކުވާކުރި އެވެ. ޖަލު ހުކުމެއްގައި އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން، ހަމަ ވިސްނުމުން ވިސްނާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި އެންމެ މީހަކާ ހެދި ބޮޑު ޕާޓީއެއް މަގުމަތިކޮށްލަންވީ ކީއްވެހޭ އެ މީހުން އަހަމުން ދިޔަ އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަން ގަބޫލުކުރަން މަޖުބޫރުވީ އެކަމުގައި ސުޕްރީމް ކޯޓުން ވެސް ބަސް އިއްވި ހިސާބުންނެވެ. އޭރު އޮތީ އިންތިހާބަށް ކުރިމަތިލުމަށް ސުންގަޑި ހަމަވާން 24 ގަޑިއިރަށް ވެފަ އެވެ.

ޕާޓީ ތެރޭ ފޮރުވައިގެން އުޅުނު ކޯޅުންގަނޑު އެ ހިސާބުން އެންމެންނަށް ފެނުނެވެ. ޔާމީނަށް ވާދަ ނުކުރެއްވޭ ނަމަ އިންތިހާބު ބޮއިކޮޓްކުރުމުގެ ވާހަކަ އެއްބަޔަކު ދެއްކި އެވެ. އެހެން ނުހެދޭނެ ކަމަށާއި މި ހުރިހާ ދުވަހަކު މަގުމަތީ ތިބެފައި ހުސްއަތާ ގެޔަށް ނުދެވޭނެ ކަމަށް އަނެއް ބަޔަކު ބުންޏެވެ. އެންމެ ފަހުން ނިމުނީ ޔާމީންގެ އެންގެވުމަށް އިންތިހާބު ބޮއިކޮޓްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި އެ ހިސާބުން ކަށަވަރުވި އެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން އިންތިހާބަށް ނެރެނޭވެ ކެންޑިޑޭޓެއް ކަށަވަރު ނުވެ ވާދަވެރި ކެމްޕެއިނެއް ނެތުމުން، އިންތިހާބެއް އަންނަ ކަމުގެ އިހްސާސް ނުވެ އޮތް އޮތުން ވެސް އެ ހިސާބުން ނިމުނީ އެވެ. އެހެން ފަހަރުތަކާ ހިލާފަށް، ރިޔާސީ އިންތިހާބުގެ ކުލަތައް މިފަހަރު ގަދަވާން މި ފެށީ ފަހު ވަގުތުގަ އެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިންތިހާބާ ހިސާބަށް އައި ގޮތާއި ޕީޕީއެމަށް ވީ ގޮތުން މިފަހަރު ފެންނަ ތަފާތަކީ ޕާޓީތަކުގެ ވެރިން ބުނާ ކޮންމެ މަގަކުން، ލޯމަރައިގެން ތިބެ ހިނގާ މީހުން މަދުވާން ފެށި ކަމެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ސަރުކާރާ ނުރުހި އެހެން ޕާޓީއެއް އުފެއްދެވީ އެވެ. ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމުމަކީ އެ މަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތުން ކަމަށް ގަބޫލުކުރާ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ މަނިކުފާނު އެންގެވި ނަމަވެސް އެކަން އެގޮތަކަށް ނުވި އެވެ.

މައި ދެ ޕާޓީގެ ކޯޅުންތަކުގައި ވެސް ފެނުނީ ޕާޓީތަކަށް މަރުދޭ އެކްޓިވިސްޓުންކޮޅަކާއި ދެތިން މީހަކު ނޫނީ، ހަމަޖެހުން އިސްކުރުމުގެ ވިސްނުން ގެންގުޅުނު ތަނެވެ.

އެމްޑީޕީގެ ދުވަސްވީ މެންބަރަކު ބުނި ގޮތުގައި ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހު އިދިކޮޅު ޕާޓީ މަގުމަތީގައި ތިބެންޖެހޭ ސަބަބެއް ނެތެވެ. އެއީ މެންބަރުންނަށް އަބަދު އުޅެވޭނެ ގޮތެއް ނޫން ކަމަށާއި މިހެން މި ވަނީ ޕާޓީގެ މަސްލަހަތަށް ވުރެ ލީޑަރުގެ މަސްލަހަތު އިސްކުރާތީ ކަމަށް އޭނާ ބުންޏެވެ.

"ޕާޓީގެ ލީޑަރު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް އޭގައި މައްސަލައެއް ނެތް ކަމަށް ބެލުމާއި ކުށެއްގައި ބެދޭ ކޮންމެ ފަހަރަކު އެއީ ސިޔާސީ ގޮޅިއަކަށް ސަރުކާރުން ފައްތާލުން ކަމުގައި ބެލުމަކީ ގޯހެއް. ލީޑަރު ގާނޫނާ ހިލާފުވެފައި އެކަމުން ސަލާމަތްވާން ޕާޓީގެ އެކްޓިވިސްޓުން މަގުމައްޗަށް ނެރެ ސަރުކާރަށް ބިރު ދައްކަން އުޅުމުން ގައުމުގެ އަސްލު މައްސަލަތަކެއް ނުފެނޭ." އޭނާ ބުންޏެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ގައުމުގެ ކަންކަމާ މެދު ރައްޔިތުންނަށް ވިސްނާލަން މި ފަސް އަހަރު ފުރުސަތު ލިބިއްޖެ އެވެ. އެއީ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް ސިޔާސީ ސަބަބުތަކާ ގުޅިގެން މީހުން ހައްޔަރުކޮށް ދައުވާކުރުން ގިނަވުމާއި އެ ކަންކަމާ ހެދި އުފެދުނު ނުތަނަވަސްކަން މިހާރު ނެތުމުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މުޒާހަރާއެއް ކޮންޓްރޯލްކުރަން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަޔަސް ދައުވާއެއް ނުކުރެވޭ. ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ކޮންމެ މީހަކަށް ކުރިމަތިވި ބިރުވެރިކަމެއް ވެސް ނެތް. ކުރުކޮށް ބުނަންޏާ މީހަކު ގެންގުޅޭ ސިޔާސީ ވިސްނުމަކުން ގަންނަންޖެހޭ ބިރެއް ނެތް. އެހެންވެ ކަންކަން މި ހިނގާ ގޮތާ މެދު ވިސްނާލަން މި ފަސް އަހަރު ރައްޔިތުންނަށް ވަގުތު ލިބިއްޖެ،" އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެ ބޭފުޅުން އެ ވިދާޅުވަނީ މި ފަސް އަހަރު ސިޔާސީ ހަމަނުޖެހުންތައް ނިސްބަތުން މާބޮޑަށް ވެސް މަދުވެފައި އޮތް އޮތުމަށެވެ. އެ ބޭފުޅުން ގަބޫލުކުރައްވަނީ ރައްޔިތުން މި ހަމަޖެހުން ބަލައިގެންފައިވާ ކަމަށެވެ.

"ބޮޑު ދެ ޕާޓީން ވެސް މި ފެނުނީ ޕާޓީގެ ލީޑަރުން ބޭނުންވާހާ ގޮތެއް މިހާރު ކަމު ނުދާކަން. ރައްޔިތުން މިހާރު ބޭނުންވަނީ އަބަދު މުޒާހަރާ ނުކޮށް، ހައިޖާނު ނުހަދައި އެ މީހުން ބޭނުންވާ ކަންކަން ކުރެވޭނެ ގޮތެއް."

ސިޔާސީ ޕާޓީތަކުގެ ކުލަތަކާއި ގައުމީ ދިދައިން ކެމްޕޭނަށް ތައްޔާރުވެފައި: ޕާޓީތަކުގައި ލީޑަރުން ފަހަތުން ނުގޮސް ގައުމީ ވިސްނުމަށްދާ މީހުން ގިނަކަމުގެ އިހްސާސް މިހާރު ކުރެވޭ. -- ފައިލް ފޮޓޯ: މިހާރު
ސިޔާސީ ޕާޓީތަކުގެ ކުލަތަކާއި ގައުމީ ދިދައިން ކެމްޕޭނަށް ތައްޔާރުވެފައި: ޕާޓީތަކުގައި ލީޑަރުން ފަހަތުން ނުގޮސް ގައުމީ ވިސްނުމަށްދާ މީހުން ގިނަކަމުގެ އިހްސާސް މިހާރު ކުރެވޭ. -- ފައިލް ފޮޓޯ: މިހާރު

ޕީޕީއެމްގެ ކޯޅުންތަކުގެ ތެރޭގައި ވެސް، ޔާމީން ނޫނަސް މީހުން އެބަތިބި ކަމަށާއި ފަސޭހައިން އިންތިހާބު ކާމިޔާބުކުރަން ބޭނުން ނަމަ ވަގުތު ނަގާނުލައި ކެންޑިޑޭޓަކާ އެކު ކެމްޕޭނު ފަށަންވީ ކަމަށް ބުނި އެތައް ބަޔަކު ތިއްބެވެ.

"މި ކުރަނީ ޕާޓީގެ ވެރިކަމެއް. ވެރިކަމަށް ވަކި މީހަކު ގެނެސްގެން ނޫނީ ގައުމަށް ފައިދާ ނުވާނެ ކަމަށް ބުނާ ނަމަ ޕާޓީއެއްގެ ބޭނުމެއް ނެތް. ޕާޓީން ވެރިކަންކުރާނީ ޕާޓީގެ ވިސްނުމަށް. ވަކި މީހެއްގެ ވިސްނުމަކަށް ނޫން. މި ޖަހަނީ ވަރަށް ބޭކާރު ސަކަރާތެއް،" ޕީޕީއެމްގެ ކެންޑިޑޭޓަކު ކަށަވަރު ނުވެ އޮތް އިރު ވާހަކަ ދެއްކި އެ ޕާޓީގެ ސަޕޯޓަރަކު ބުންޏެވެ.

ކެމްޕެއިން ދަތުރުތައް ކަވަކުރުމުގައި ބައިވެރިވާ ބައެއް ނޫސްވެރިން ބުނި ގޮތުގައި ޖުމްލަ ގޮތެއްގައި ރަށްރަށުން ފެންނަނީ ރަށްރަށަށް ބޭނުންވާ ކަންކަން ކުރެވި އެ މީހުންނަށް ހަމަޖެހިލައިގެން އުޅެވޭނެ ސިޔާސީ މާހައުލެއް ބޭނުންވެފައި ތިބި ތަނެވެ. ސިޔާސީ ފިކުރު ތަފާތު ކޮންމެ މީހަކާ ދެކޮޅަށް އަޑު އުފުލުގައި ހަމަނުޖެހުން އުފެއްދުމުގެ ބަދަލުގައި ރައްޔިތުންގެ ބޭނުންތައް އިސްކޮށް ލީޑަރުންގެ މަސްލަހަތު ފަސްކުރަން ބޭނުންވާ ތަނެވެ.

މި ބަދަލު ފެންނަން މި ފެށީ ސިޔާސީ ޕާޓީއެއް އަދި ވާދަވެރިކަމެއް ވެސް ނެތި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރު ވެރިކަން ކުރެއްވުމަށް ފަހު ސިޔާސީ ޕާޓީތަކާ އެކު ރާއްޖޭގައި ފެށުނު ވާދަވެރި ސިޔާސީ ހަރަކާތަށް 18 ފަހުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ޖޫން 2، 2005 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ޕާޓީތައް ހަދައިގެން ހިންގަން ފެށުމަކީ ރައްޔިތުންނަށް ސިޔާސީ ގޮތުން ލިބުނު ބޮޑު މިނިވަންކަމެކެވެ. އެކަމަކު އެ މިނިވަންކަމުގެ ފޯރީގައި ލޯ މަރައިގެން ތިބެ ސިޔާސީ ވަކި ލީޑަރުންތަކެއްގެ ފަހަތުން ނުރައްކާ ހިސާބަށް ދެވުނު ފަހުން ލޯ ހުޅުވި، އެނބުރި ދާން އެ މީހަކަށް ރަނގަޅު މަގު ހޯދަން ވިސްނާ ކަމުގެ ތަފާތު މަންޒަރެއް ފެންނަން ފަށައިފި ކަމުގެ އިހްސާސް މިހާރު އެބަ ކުރެވެ އެވެ.