ރާއްޖެ އާއި ބޭރުގެ 180 ބައިވެރިންނާއެކު، ސިއްހީ ދާއިރާގެ ބޮޑު ކޮންފަރެންސެއް މިއަދު ފަށައިފި އެވެ.
އަންނަ ބުދަ ދުވަހާ ހަމައަށް ބާއްވާ "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް 2022" ބާއްވަނީ މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އަދި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެންނެވެ.
އެ ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
ނާސިން އެސޯސިއޭޝަނުން ބުނީ ބަނޑޮސް ރިސޯޓުގައި ބާއްވާ ކޮންފަރެންސްގައި އެމެރިކާ އާއި އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ސިއްހީ ތަޖުރިބާކާރުން ވެސް ބައިވެރިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އެކި ބޭފުޅުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮންފަރެންސްގެ ބޭނުމަކީ ސިއްހީ ދާއިރާގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ކެންސަރުގެ ބަލީގެ މީހުންނަށް އަޅާލުމާއި ތެލެސީމިއާ ބަލީގެ ކުޑަކުދިންނަށް ފަރުވާ ދޭއިރު ނިންމަންޖެހޭ ނިންމުންތައް އަދި ކުރު މުއްދަތެއްގައި ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ ބޮޑެތި ބަލި ތަކުގެ މީހުންނަށް ފަރުވާ ދޭ ނަރުހުންނަށް ދިމާވާ ނުތަނަވަސްކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ.
އޭގެ އިތުރުން ވެސް ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.