ނޯވޭގެ ރަސްގެފާނު ހަރާލްޑް ފަސްވަނަ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޖޯނަސް ގާ ސްޓޭރޭއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް މިއަދު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ މެސެޖުގައި ނޯވޭގެ ރަސްގެފާނު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޯވޭގެ ޝާހީ އާއިލާއަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ރަސްގެފާނަކީ ނޯވޭގެ ގައުމީ ހިދުމަތުގައި މުޅި އުމުރު ހޭދަކުރެއްވި، ސާބިތު ލީޑާޝިޕެއް ދެއްކެވި އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު ލޯބިކުރެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ބޮޑު ހިތާމައެއް ނޫން ކަމަށާއި އެމަނިކުފާނުގެ އަގުހުރި ހިދުމަތްތަކާއި ކަންކަމުގައި ބެހެއްޓެވި ސާބިތުކަމަށް ސާބަސްދޭ އެންމެހާ ފަރާތްތަކަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި ރަސްގެފާނުގެ ހަނދާންތަކުން ޝާހީ އާއިލާއަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމަ ފާޅުކުރަމުންދާ އެންމެހާ ފަރާތްތަކަށް ހިތްވަރާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އުމުރުފުޅުން 89 އަހަރުގައި ނޯވޭގެ ރަސްގެފާނު ހަރާލްޑް އަވަހާރަވީ އޮސްލޯ ޔުނިވާސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދެވެ. 

ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން އުމުރުން 53 އަހަރުގެ ޕްރިންސް ހާކޮން ވަނީ ނޯވޭގެ އާ ރަސްގެފާނުގެ ގޮތުގައި "ރަސްގެފާނު ހާކޮން 8 ވަނަ"ގެ ނަމުގައި ތަހުތަށް އިސްވެވަޑައިގެންފަ އެވެ.

މީގެ 35 އަހަރު ކުރިން 1991 ގައި ތަހުތަށް އިސްވެވަޑައިގެންނެވި ރަސްގެފާނު ހަރާލްޑްއަކީ ނޯވޭގެ ޝާހީ އާއިލާ ޒަމާނީ ކުރެއްވުމަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ސިއްހީ ގޮތުން ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހުނު ކަމުގައިވީ ނަމަވެސް، އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދެވީ ގައުމަށް ހިދުމަތް ކުރެއްވުމަށް ކުރެއްވި ހުވަޔަކީ މުޅި އުމުރަށް ކުރެއްވި ހުވަޔެއް ކަމަށެވެ.