މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އެ ކޮމިޝަނުން އިތުރު ކޮށްފި އެވެ.
އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ދީފައި އޮތީ އިއްޔެގެ ނިޔަލަށެވެ. ނަމަވެސް އެ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ ވަރަށް ހުށަހެޅުންތައް ލިބިފައި ނުވާތީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
ނޫސްވެރިކަމުގެ އެވޯޑް ދިނުމުގައި ގެންގުޅޭ އުސޫލުތައް މީޑިއާ ކައުންސިލުން އާންމު ކުރި އިރު، އެވޯޑް ދޭ ދާއިރާތަކުގެ ތެރޭގައި ފީޗާ ލިޔުން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ ހިމެނެ އެވެ.
ނޫސްވެރިކަމުގެ ތަފާތު ދާއިރާތަކުން ހިތްވަރު ދިނުމުގެ ގޮތުން އެވޯޑު ދޭން ފެށިތާ، މިއީ ފަސް ވަނަ އަހަރެވެ.