ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރޭ ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ކުރި ޓްވީޓްތަކެއްގައި ބުނީ ސިއްހީ ފަރުވާ ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަަވަޅުތަކާ އެކު އެކަމުގައި ރާއްޖެ އަށް ކުރިއަށް ދެވޭ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުން ދައްކައިދިނީ ވަކިވަކިން އުޅުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފައިދާބޮޑުކަން ކަމަށް ވެސް ބުންޏެވެ.
"ސިއްހީ ދާއިރާގައި ނުވަތަ ސިއްހީ ކަންތައްތައް ހަމަޖެއްސުމާ ބެހޭ އެހެން ދާއިރާތަކުގައި ވެސް ސަރުކާރާ އެކު މި ރޫހުގައި މަަސައްކަތް ކުރަން އަޅުގަނޑުމެން ތައްޔާރަށް ތިބިކަން އަނެއްކާ ވެސް ކަށަވަރު ކޮށްދެން،" ކޮވިޑާ ގުޅޭ ކަންކަމުގައި ސަރުކާރަށް ފަންނީ ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ މެމްބަރުން ވެސް ތިއްބަވާ މެޑިކަލް އެސޯސިއޭޝަނުން ބުންޏެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނަކީ ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ބައިވެރިވާ ޖަމިއްޔާ އެކެވެ.
އެ ޖަމިއްޔާ އިން މިގޮތަށް ވާހަކަ ދެއްކީ ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި މިހާރުގެ ބައެއް ޑޮކްޓަރުން މިދިޔަ ހޮނިހިރު ދުވަހު ދެއްކެވި ވާހަަކަތަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ދުވަހެއް ދުވަހަކަށް ދަށަށްދާ ކަަމަށެވެ. އެ ވާހަކަތަކަށް ރައްދުދީ ހެލްތު މިނިސްޓްރީން ވެސް ރޭ ބަޔާނެއް ނެރުނެވެ.
އެ ބަޔާނުގައި ބުނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ވަސީލަތްތައް ގާއިމު ކުރަމުން އަންނަ ކަމަށާއި މާލެ އަށް ރިފާ ކުރުން ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަމަށް ވެސްް އެ ބަޔާނުގައި ވެ އެވެ.