ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް އުފުލިއްޖެ އެވެ.
ލުނބޯ ކިލޯއެއްގެ އަގު މީގެ ހަފްތާތަކެއް ކުރިން ހުރީ 35ރ. އަށެވެ. ނަމަވެސް މިދިޔަ ހަފުތާއިން ފެށިގެން އަގު އުފުލެމުން އައިސް މިހާރު ހުރީ 100ރ. އިން މަތީގަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ލުނބޯ އެތެރެކުރާ ފްރޮންޓިއާ މާކެޓްސް އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަފީގު "މިހާރު" އަށް ވިދާޅުވީ ލުނބޯގެ އަގު އުފުލުނީ ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މުދާ ލިބެންވާ ތާރީހަށްވުރެ ލަސްވުމަކީ އަގު ބޮޑުވެގެން އުޅޭ މައިގަނޑު ސަބަބެވެ.
"އޯޑަރުކުރާ މުއްދަތަކަށް މުދަލެއް ނާދޭ. އެހެންވެ ޑިމާންޑާ އެއްވަރަކަށް ސަޕްލައިއެއް ނުކުރެވޭ. މުދާ ލަސްވެގެން ބައެއް ފަހަރު ލިބޭއިރު ހުންނަނީ 30-40 ޕަސެންޓު ހަލާކުވެފައި. އެކަންކަމާ ވެސް ވިޔަފާރިވެރިން ވިސްނަން ޖެހޭ،" ރަފީގު ވިދާޅުވި އެވެ.
ލުނބޯގެ އަގު އުފުލުނު ދެވަނަ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ ފްރައިޓްގެ އަގު ބޮޑުވުމެވެ. ކޮވިޑް-19އާ ހެދި އައި ދަތިތަކާ އެކު ފްރައިޓުގެ އަގު 100 ޕަސެންޓަށް ވުރެ ބޮޑުވެފައިވާއިރު މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި މޭވާ އާއި ތަރުކާރީގެ އަގު އަދިވެސް ވަރަށް ބޮޑަށް އުފުލޭނެ ކަމަށް ވެސް ވިޔަފާރިވެރިން ލަފާކުރެ އެވެ.
"މޭވާ އާއި ތަރުކާރީ ގެންނަން ފްރެއިޓަށް ދައްކަން ޖެހޭ އެ ގަންނަން ދާ ވަރަށް. މޭވާއާ ތަރުކާރީ އަވަސްކުރަން އެއާ ފްރައިޓުކޮށް ގެންނަންޏާ ވެސް އެހާ ބޮޑު ހަރަދެއް ދޭ މިހާރު. އެކަންކަމަށް ބަލާއިރު ފްރައިޓުގެ އަގު ކުރިއަށް އޮތް ތަނުގައި ދަށް ނުވަންޏާ ތަކެތީގެ އަގު އުފުލޭނެ. މިހާރު ވެސް ބައެއް ތަކެތީގެ އަގު ދަނީ އުފުލެމުން،" ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު މިހާރު އަގު އުފުލިފައިވަނީ ލުނބޯގެ އިތުރުން އޮރެންޖާއި މެންޑަރިންގެ އެވެ. ކުރިން ފަސް ރުފިޔާއަށް ލިބުނު އޮރެންޖު މިހާރު ހުރީ އަށް ރުފިޔާއަށެވެ. އަދި ކުރިން މެންޑަރިން ކިލޯއެއް 50ރ. އަށް ލިބުނަސް މިހާރު ގިނަ ތަންތަނުން އޭގެ ކިލޯއެއް ލިބެނީ 90ރ. އަށެވެ.