މާލޭ ބާޒާރުގައި ބިހާއި ފިޔާ އަދި އަލުވި މަދުވެ އެ ބާވަތްތަކުގެ އަގު އަންނަ ހަފުތާގެ ތެރޭގައި ބޮޑުވެދާނެ ކަމަށް ބައެއް ވިޔަފާރިވެރިން މިއަދު ބުނެފި އެވެ.
ފިޔާ އަދި އަލުވި މަދުވުމުގެ ސަބަބުން ބާޒާރުގެ ގިނަ ފިހާރަތަކުން ވަނީ ބަސްތާ ވިއްކުން ހުއްޓާލައިފަ އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ބުނީ މި ދުވަސްވަރު އިންޑިއާއިން ރާއްޖެ އަށް ކާބޯތަކެތި ގެންނަން ވަރަށް ދަތި ކަމަށެވެ. މިގޮތަށް ދާ ނަމަ މަސްދުވަހުގެ ތެރޭގައި ބާޒާރުން ފިޔާ، އަލުވި އަދި ބިސް އެއްކޮށް ހުސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.
ބާޒާރުގެ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އުފުލަނީ މިހާރު އެންމެ ބޯޓަކުން ކަމަށެވެ. އެހެންކަމުން ބޭނުންވާ ވަރަށް މުދާ އެތެރެ ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
"ކޮވިޑުގެ ކަންތައްތަކާ ހެދި އެންމެ ބޯޓެއް މި ދަތުރުކުރަނީ. އެއިން މުދާ ގެންނަން އެންމެން ބޭނުންވިޔަސް މަދު ބަޔަކަށް ފުރުސަތު ލިބެނީ. ފިޔާ، އަލުވި، ބިސް މިހާރު ބާޒާރުގެ ވަރަށް މަދު ތަނަކުން ލިބޭނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.
އެހެން ވިޔަފާރިއަކުން ބުނިގޮތުގައި ބޭނުންވާ ވަރަށް ފިޔާ، އަލުވި އަދި ބިސް ނުލިބޭ ނަމަ ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ތަކެތީގެ އަގު އުފުލޭނެ އެވެ. އަގުތައް ހަމައަކަށް އެޅޭނީ މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުވުމުން ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ފިޔާ ވެސް ބިސް ވެސް މިހާރަކު ނުލިބޭ. މިހެން ދަންޏާ އަންނަ ހަފުތާގައި އަގުތައް މިހާރު ހުރި ވަރަށް ވުރެ ބޮޑުވާނެ. އުއްމީދު ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މިކަން ހައްލުވާނެ ކަމަށް،" ވިޔަފާރިވެރިޔާ ބުންޏެވެ.
މި ވަގުތު ބާޒާރުގައި ބިސް ކޭހެއް ލިބެނީ 420ރ. އަށެވެ. އަދި ފިޔާ ކިލޯއެއް 20ރ. އަށް ވިއްކާއިރު އަލުވި ކިލޯއެއް ލިބެން ހުރީ 15ރ. އަށެވެ.