މިއަދު ރަޖިސްޓްރީކުރި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ވަކި ބަޔަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ލޭބާ ޕާޓީ މިއަދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން، ޕާޓީތަކުގެ ގަވާއިދުގައި ބުނާ ފަދައިން އާންމު ޖަލްސާއެއް ބާއްވައި، ޕާޓީގެ ވަގުތީ ލީޑާޝިޕް ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އަދި ކޮމެޓީގެ ޗެއާޕާސަން ކަމަށް އަހުމަދު ޝިހާމް އައްޔަންކޮށް، އޭނާގެ ނައިބަކަށް ޒިޔާދު ރަޝާދު ވަނީ އައްޔަންކޮށްފަ އެވެ.

ލޭބާ ޕާޓީން ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 15 ވަރަކަށް ދާއިރާއަށް އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ނެރޭނެ އެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެހެން ފަރާތްތަކަށް އެކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެން ގޮތްގޮތުން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީން ގަބޫލުކުރާ ކެންޑިޑޭޓުންނަށް ވެސް އެ ޕާޓީން ތާއީދުކުރާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ހައްގުތަކަށް އިހްތިރާމް ކުރާ، އަދި އިންޓަގްރިޓީ ހުރި އަދި މި ޕާޓީގެ ލީޑާޝިޕް ކޮމެޓީއަށް ފެންނަ ފަރާތްތަކަށް މި ޕާޓީން ތާއީދު ކުރާނެ. އެ ފަރާތަކީ ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރި އަދި ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ފަރާތަކަށް ވިޔަސް އެ ފަރާތަކަށް މި ޕާޓީން ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އެ ޕާޓީގެ ފިކުރަކީ އަދި އެންމެ އިސް މަސައްކަތަށް ވާނީ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ވެސް ހިމާޔަތް ކުރުން ކަމަށް ބުންޏެވެ. އެ ޕާޓީއަކީ އެހެން ޕާޓީތައް ފަދައިން މުއްސަނދި މަހުޖަނުންގެ އެހީގައި ހިންގާނެ ޕާޓީއެއް ނޫން ކަމަށާއި ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން އެ ޕާޓީ ވާނީ މިހާރުގެ ސަރުކާރަށް ތާއީދުކުރާ ނުވަތަ ސަރުކާރާ ދެކޮޅު ޕާޓީއެއްގެ ގޮތުގައި ވެސް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެގެންދާނީ މި ޕާޓީގެ ސިޔާސަތުތަކާއި އަސާސްތަކާއި ޕާޓީން ދަމަހައްޓާ އުސޫލުތައް ސަރުކާރުން ދަމަހައްޓާ ކަމަށްވާ ނަމަ، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް. މަސައްކަތްތެރިންގެ ހައްގުތަކާ ދުރު ނުވަތަ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ބާރު ދިވެހި މަސައްކަތްތެރިންގެ މައްޗަށް ފޯރާ ނަމަ މި ޕާޓީން އެކަންކަމާ ދެކޮޅު ހަދާނެ،" މައުރޫފް ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ޗެއާޕާސަން ޝިހާމް -- މިހާރު ފޮޓޯ/ނިޝާން އަލީ
ލޭބާ ޕާޓީގެ ޗެއާޕާސަން ޝިހާމް -- މިހާރު ފޮޓޯ/ނިޝާން އަލީ

ލޭބާ ޕާޓީގެ ޗެއާޕާސަން ޝިހާމް ވިދާޅުވީ އެ ޕާޓީ އޮންނާނީ އެހެން ޕާޓީތަކާ ޚިލާފަށް ވަކި މީހެއްގެ ޕާޓީއެއްގެ ގޮތުގައި ނޫން ކަމަށާއި މަސައްކަތްތެރިންގެ ހައްގުގައި ކޮންމެ މީހަކަށް ވެސް އެ ޕާޓީގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އެ ޕާޓީ އުފެދުމާ އެކު، ނުފޫޒު ފަދަ ވިޔަފާރިވެރިންނާއި މަހުޖަނުންގެ ނުފޫޒު ޕާޓީތަކުގައި އޮތުން ނިމުމަކަށް އަންނާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކެނީ މި ޕާޓީއަކީ ރާއްޖޭގައި ތަފާތުތަކެއް ގެނެސްދޭނެ ޕާޓީއެއް ކަމަށް،" ޝިހާމް ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ ސަރުކާރު ކޯލިޝަނާ ނުވަތަ އެހެން ޕާޓީއަކާ ކޯލިޝަން ހެދުމަށް އެ ޕާޓީން ދައުވަތު ދީފައި ނުވާނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން އެ ޕާޓީގައި އެދިފައި ވެސް ނުވާ ކަމަށެވެ. އެކަމަކު ވަކި ޕާޓީއަަށް ތާއީދު ނުކުރިޔަސް، އިންތިޚާބުތަކުގައި އެ ޕާޓީއަށް އެހީތެރިކަން ދޭ ފަރާތްތަކަށް އެ ޕާޓީން ވެސް އެހީތެރިކަން ދޭނެ ކަމަށް ހަސީން ވިދާޅުވި އެވެ.

"މިސާލަކަށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވުމަށް އަޅުގަނޑުމެން ދޭންޖެހޭ އެހީތެރިކަން ދޭނަން އެފަދަ ފަރާތްތަކުން މި ޕާޓީއަށް އެހީތެރިކަން ދޭ ނަމަ،" ހަސީން ވިދާޅުވި އެވެ،

މައުރޫފް ވިދާޅުވި ގޮތުގައި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކަށް އެ ޕާޓީގެ ކައުންސިލުން ވަކި ޖާގަތަކަށް ވަނީ ޚާއްސަކޮށްފަ އެވެ. އަދި ޕާޓީއަށް ފައިސާގެ އެހީ ދޭ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީން އާންމު ކުރާނެ ކަމަށާއި އެ ނޫން ގޮތަކަށް ދޭ އެހީތައް އެ ޕާޓީން ބަލައިނުގަންނާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ޕާޓީން ކުރަމުންދާ ޚަރަދުތައް ވެސް ގަވާއިދުން އާންމު ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ޕާޓީއަކީ ޓްރާންސްޕޭރަންޓް ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދަން. ސަބަބަކީ ނުފޫޒު ފަދަ ވިޔަފާރިވެރިންގެ ކިބައިން ޕާޓީ ސަލާމަތްވެ، ޕާޓީއަކީ މިނިވަންކަން މަތީގައި ހަރަކާތްތެރިވާ ޕާޓީއެއްގެ ގޮތުގައި އޮތުން،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މަސައްކަތްތެރިންގެ ބައެއްގެ ޖަމްއިއްޔާތަކުން ވެސް މިހާރު ވަނީ އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ. އެގޮތުން ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން (ޓީމް) އާއި ޓީޗަރުންގެ އެސޯސިއޭޝަންގެ އިތުރުން ކަނޑުދަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމްއިއްޔާއިން ވެސް އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.