މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އޭދަފުށީގައި އެ ބޭންކްގެ ބްރާންޗެއް ގާއިމްކޮށް، އެ އަތޮޅުގެ ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
އެމްއައިބީން ބުނީ އޭދަފުށީގައި ހުޅުވި އާ ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތަކާއި، އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ތަރައްގީކޮށްފައިވާ ބްރާންޗެއް ކަމަށެވެ.
އެ ބްރާންޗާއެކު ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ކޮންމެ ވަގުތެއްގައި ވެސް އެމްއައިބީގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެމްއައިބީން ބުނީ އޭދަފުށީގައި ބްރާންޗެއް ހުޅުވުމުގެ ބޭނުމަކީ ޒަމާނީ، ފަސޭހަ އަދި އިސްލާމީ ޝަރީއަތާ އެއްގޮތަށް ދެވޭ ބޭންކިން ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށެވެ. އެ ބްރާންޗާއެކު އޭދަފުށްޓާއި އަދި އެހިސާބުގަނޑުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް މާލީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ބ. ތުޅާދޫގަ އެވެ.
މި ރަށްރަށުގައި ހިދުމަތްތައް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި، އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ، ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އަދި ޗީފް އެކްސްޕީރިއަންސް އޮފިސަރު ނީރައިން ޖަލީލު ބައިވެރިވެވަޑައިގެންނެވި އެވެ.
އަލަށް ބޭނުންކުރަން ފެށި އެ އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މާލީ އަސާސީ ހިދުމަތްތައް ބ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ ބ. އަތޮޅުގައި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް ވަރުގަދަކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.