މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ "ޑިރެކްޓަރުންގެ ބޯޑު" ގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ އިލެކްޓެޑް ޑައިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.

އެމްއައިބީން ބުނިި ގޮތުގައި އެ މަގާމަށް ހޮވޭ ފަރާތަކީ ބޭންކުގެ ހިއްސާދާރަކަށް ވާންޖެހޭނެ އެވެ. އަދި ރާއްޖޭގެ ބޭންކިން ގާނޫނާއި އެމްއެމްއޭގެ ގަވާއިދުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އުސޫލުތަކުގެ އިތުރުން ބޭންކުގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ގާބިލްކަމަށް ބަލާއިރު ބޭންކިން، ފައިނޭންސް، އެކައުންޓިން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން މާސްޓަޒް ޑިގްރީއެއް އޮންނަން ޖެހެ އެވެ. ނުވަތަ މި ދާއިރާތަކުން ސްޕެޝަލައިޒްވެފައިވާ އެމްބީއޭއެއް އޮތުން ނުވަތަ މިދާއިރާތަކުގެ ބެޗްލާސް ޑިގްރީއެއް އޮތުމުގެ  އިތުރުން ޗާޓަޑް އެކައުންޓިން ބޮޑީއެއްގެ ފުލް ނުވަތަ އެސޯސިއޭޓް މެމްބަރަކަށް ވުން ވެސް ތައުލީމީ ޝަރުތުގެ ތެރޭގައި ހިމެނެ އެވެ.

ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން އަދި މާލީ ދާއިރާގެ އެކަށީގެންވާ މައުލޫމާތު ހުރި، އަހްލާގީ ގޮތުންނާއި ނަޒާހާތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓާ، އަދި ހިއްސާދާރުންގެ ދިގު މުއްދަތުގެ މަސްލަހަތު ތަމްސީލު ކުރެވޭނެ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެ މަގާމަށް އައްޔަންކުރާ ފަރާތަކީ، އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެ އެވެ.

އެ މަގާމަށް ކުރިމަތިލާން އެދޭ އާންމު ހިއްސާދާރުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް މިމަހުގެ 31 ގެ އެމްއައިބީގެ ހެޑް އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދެ އެވެ.