ހައްޖު ކިޔޫން ޖާގަ ލިބުނުތާ ތިން އަހަރުވެ، ހައްޖަށް ނުދެވި ތިބި އުމުރުން 70 އަހަރުން މަތީގެ އެންމެން އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އުމުރުން 70 އަހަރުން މަތީގެ 324 މީހުންނަށް އެ އުސޫލުގެ ދަށުން އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
އޭގެ އިތުރުން 75 އަހަރުން މަތީގެ 86 މީހުން އެހީތެރިންނާއެކު ހައްޖަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށާއި ޖުމްލަ 410 މީހުންނަށް އަންނަ އަހަރު ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
އެ އުސޫލު ތަންފީޒުކުރުމާއެކު އަންނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް މިހާރު އަންދާޒާކޮށްފައިވާ މުއްދަތަށް ލަސްވުމެއް ނާންނާނެ ކަމަށާއި 65 އަހަރުން މަތީގެ މީހުންނަށް ވެސް އަންނަ އަހަރު އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލައި ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމުން ކަމަށެވެ. ހައްޖަށްދާން އެ މީހުން އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުން ވީހާވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ހައްޖު ވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މިގޮތަށް ބަދަލު ގެނައި ސަބަބު ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް ވިދާޅުވީ އެ އުސޫލު ތަންފީޒުކުރާނީ އުމުރުށާއި ކިޔޫން ޖާގަ ލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި އެއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތު ކުރުމެއް ނެތި ތަންފީޒުކުރާނެ އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ބަދަލާ އެކު ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީ އެވެ.
ހައްޖަށް ގެންދާ 70 އަހަރުން މަތީގެ މީހުން:
- ހައްޖު ކިޔޫގައި ތިބޭތާ 3 އަހަރު ވެފައިވާ މީހުންގެ ގޮތުގައި ބަލާނީ ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ އެންމެން.
- 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ ޑިސެމްބަރު 31، 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ މީހުން
އެ އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ އެންމެންނަކީ ވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، ހަމައެކަނި ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
އެ ބަދަލާއެކު ކިޔުގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސަވުމެއް އައި ނަމަވެސް އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން ވެސް އެންމެ އިންސާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ ސަބަބުން ހައްޖު ކިޔޫގެ އިންތިޒާމުތައް ހަރުދަނާވެ، ކިޔޫން ޖާގަ ހުރިހާ އުމުރުފުރާއަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.