އިންޑިއާގެ ބައެއް ފަންނާނުންނާއި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ފަންނާނުން ވެގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހުނު "ޓޯނިވަލް" އިވެންޓާ ރާއްޖޭގެ ފިލްމް އެސޯސިއޭޝަނާ މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެފި އެވެ.
ފިލްމް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި އިވެންޓަކީ މީގެ ކުރިން އެ ސޯސިއޭޝަނާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރި އިވެންޓެއް ކަމަށެވެ. ނަމަވެސް ފިލްމް އެސޯސިއޭޝަނަށް އެންގުމަކާ ނުލައި މިހާރު އިވެންޓް އޯގަނައިޒަރުން ވަނީ ވަކިވަކި ފަންނާނުންތަކަކާ އެކު މި ހަރަކާތް ކުރިއަން ގެންދަން ނިންމާފައި ކަމަށް ބުންޏެވެ.
ފިލްމް އެސޯސިއޭޝަނުން ދެކޭގޮތުގައި މިއީ އިވެންޓް އޯގަނައިޒްކުރާ ޓޯނިވަލް ކުންފުނިން ދިވެހި ފިލްމް އެސޯސިއޭޝަނާއި ފަންނާނުންނަށް ކުރި މަލާމާތެކެވެ. އަދި އެސޯސިއޭޝަންގެ އާއްމު އެއްވެސް މެމްބަރަކު ފަރުދީގޮތުން ހަރަކާތުގައި ބައިވެރި ނުވާން ވެސް އެސޯސިއޭޝަނުން ގޮވާލާފައި ވެއެވެ.
މި އިވެންޓް ފެށުމަށް ފަންނާނުންގެ ފުޓްބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ ގަލޮޅު ފުޓްބޯޅަ ދަނޑުގަ އެވެ. އަދި 29 ވަނަ ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯ އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ.
ފުޓްބޯޅަ މެޗުގެ ޓިކެޓް 250 ރުފިޔާ އަށް ވިއްކަން ފެށި ނަމަވެސް ހާއްސަ އޮފާއެއްގެ ދަށުން މިހާރު ޓިކެޓެއްގެ އަގު ވަނީ 150 ރުފިޔާ އަށް ދަށް ކޮށްފަ އެވެ. މިއުޒިކް ޝޯގެ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 249 ރުފިޔާއަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުޓްބޯޅަ މެޗު ކުޅެގެން ދިވެހި ފަންނާނުންނަށް ރަމްޒީ ހަދިޔާއެއްގެ ގޮތުން 2،500 ރުފިޔާ ދޭން ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް އިންޑިއާގެ ފަންނާނުންނަށް ވަނީ ތިން ލައްކަ އާއި ފަސް ލައްކަ އިންޑިއަން ރުޕީޒް އާ ދެމެދުގެ އަގެއް ދޭން ހަމަޖެހިފަ އެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 56،000 އާއި 94،000 އާ ދެމެދުގެ އަގެކެވެ.