ރާއްޖޭގެ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން 15،000 ޓަނުގެ ކޯޓާ ވިއްކަން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ކޯޓާ ވިއްކަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން 1 ން ފެށިގެން އަންނަ އަހަރުގެ މެއި 31 ގެ ނިޔަލަށެވެ. އަދި ކޯޓާ އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން އެ އަދަދަށް ވުރެ ގިނައިން ކޯޓާ އަށް އެދި ހުށަހަޅާފައިވާ ނަމަ، ކޯޓާ ދޫކުރާނީ ނީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން، އިގްތިސާދީ ސަރަޙައްދުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނުގެ މަސްވެރިކަމުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ކޯޓާ އަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، ގަންނަ ކޯޓާގައި ލޭނު މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރުގައި ބިދޭސީން ހިމެނޭނެ ނިސްބަތް ސިޓީގައި ބަޔާން ކުރަން ޖެހެ އެވެ.
ލޭނުގެ މަސްވެރިކަމާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ލޭނުގެ މަސްވެރިކަމުގައި ބިދޭސީންނަށް ޙަރަކާތްތެރިވެވޭނެ އެންމެ މަތީ ނިސްބަތަކީ އެ އުޅަނދެއްގައި ހަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 ޕަސެންޓެވެ. ނަމަވެސް އެ މާއްދާގައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިތުރު ފީއަކާ އެކު ލޭނުގެ މަސްވެރިކަން ކުރާ އުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 ޕަސެންޓަށް އިތުރު ކުރެވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ލޭނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ކޯޓާ އަށް އެދި ހުށަހަޅަން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ ކުރިން ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި ކޯޓާ އަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15,000 މެޓްރިކް ޓަނަށް ވުރެ މަދުވާ ނަމަ، އެ އަދަދު ހަމަވަންދެން، ކޯޓާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން މި މަހުގެ 31ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.