ރާއްޖޭގައި ސޮނޭވާ ފުށި އަދި ސޮނޭވާ ޖާނީ ހިންގާ ކުންފުނިން އެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ހާއްސަކޮށް، ހުޅުލޭގައި ބޭނުންކުރުމަށް، އިލެކްޓްރިކް ކާރު އުފެއްދުމަށް މަޝްހޫރު ޓެސްލާގެ އަގު ބޮޑު ކާރެއް ރާއްޖެ ގެނެސްފި އެވެ.

ސޮނޭވާއިން މިދިޔަ މަހު ފަހުކޮޅު ރާއްޖެ ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރަން ފަށާފައިވަނީ ހަމައެކަނި އިލެކްޓްރިކް ހަކަތައިން ދުއްވާ "ޓެސްލާ އެކްސް" މަރުކާގެ ކާރެކެވެ.

އެ ކާރުގެ އަގު އުޅެނީ 132,000 ޑޮލަރާއި 144,000 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. ފަސް މީހުންގެ ޖާގައިގެ އެ ކާރުގައި ގަޑިއަކު 100 ކިލޯވޮޓް ޗާޖް ކުރެވޭ ބެޓެރިއެއް ހިމެނެ އެވެ. މިއީ ދުނިޔޭގެ ދެ ވަނައަށް އެންމެ އަގު ބޮޑު އިލެކްޓްރިކް ކާރެވެ.

އަޅި ކުލައިގެ އެ ކާރުގެ ދޮރުގައި "ކާބަން ނިއުޓްރަލް އެކްސްޕީރިއަސް" މިހެން ލިޔެފައިވެ އެވެ. އަދި ސޮނޭވާގެ ލޯގޯ އިނދެ އެވެ.

ސޮނޭވާއިން ރާއްޖެ ގެނައި ޓެސްލާ ބްރޭންޑްގެ ކާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--
ސޮނޭވާއިން ރާއްޖެ ގެނައި ޓެސްލާ ބްރޭންޑްގެ ކާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--

މިއީ ރާއްޖެ ގެނައި މި ބްރޭންޑްގެ ފުރަތަމަ ކާރެވެ.

އެނގިފައިވާގޮތުގައިި އެ ކާރު ބޭނުންކުރަން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާއި ސީޕްލޭން ޓާމިނަލާ ދެމެދު ޓޫރިސްޓުން ކުރާ ދަތުރުތަކަށެވެ.

އެމެރިކާގެ ޓެސްލާ ކުންފުންޏަކީ އިލެކްޓްރޯނިކް ވެހިކަލް އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުންޏެވެ. ތިމާވެއްޓާ ރައްޓެހި ވެހިކަލް އުފެއްދުމުގައި އެކުންފުނިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ސޮނޭވާ އަކީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ނަމޫނާ ކުންފުންޏެކެވެ. އެކުންފުނިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ވަނީ، ރިސޯޓްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފަ އެވެ. އެ ކުންފުނީގެ ރިސޯޓުތަކުގައި 2017 ވަނަ އަހަރު ވަނީ އުކާލާ ޕްލާސްޓިކުން ސުވެނިއަ ތައްޔާރުކުރަން ވެސް ފަށައިފަ އެވެ. ގޮނޑުދޮށަށް ލައްވެފައި ހުންނަ ޕްލާސްޓިކް ފުޅި ވިރުވައިގެން، ގަސްޖަހާ ޓުކުރި ފަދަ ތަކެތި އެ ރިސޯޓުތަކުގައި އުފައްދަ އެވެ.