މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުންގެ ތެރެއިން، ހައްޖު ކުންފުނިތަކުގެ ހަވާލުގައި ދިޔަ މީހުން މިއަދު މާލެ އަންނަން ފަށައިފި އެވެ.

ސައުދީ އަރަބިއްއާގެ ސަރުކާރުން ރާއްޖެ އަށް މި އަހަރު ދިނީ 1،000 މީހުންގެ ހައްޖު ކޯޓާ އެވެ. އޭގެ ތެރެއިން 700 އަށް ވުރެ ގިނަ ޖާގަ ދިނީ ސަރުކާރުގެ ހައްޖު ކުންފިނި، ހައްޖު ކޯޕަރޭޝަނަށެވެ. ދެން ހުއްދަ ދިނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. އެއީ އަލް ހަރަމައިން އާއި ސިސިލްފަރު އަދި އަލް މަނާސިކަށެވެ.

އަމިއްލަ ކުންފުނިތަކަށް ދިނީ 270 ޖާގަ އެވެ. ކޮންމެ ގުރޫޕަކަށް 90 ޖާގަ ދިނެވެ. އެއީ ޑޮކްޓަރުންނާއި ކައްކާ މީހުންނާއި އެހެނިހެން އެހީތެރިންގެ ގޮތުގައި ދާ މީހުންނާ ވެސް އެކުގަ އެވެ.

ހައްޖުވެރިންނަށް އެހީވާން އެއާޕޮޓްގައި ސިފައިން ހަރަކާތްތެރި ވަނީ: ހައްޖު ކުންފުނިތަކުގެ ހަވާލުގައި ދިޔަ މީހުން ވަނީ ރާއްޖެ އަންނަން ފަށާފަ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖުވެރިންނަށް އެހީވާން އެއާޕޮޓްގައި ސިފައިން ހަރަކާތްތެރި ވަނީ: ހައްޖު ކުންފުނިތަކުގެ ހަވާލުގައި ދިޔަ މީހުން ވަނީ ރާއްޖެ އަންނަން ފަށާފަ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ ގުރޫޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައީ އަލް މަނާސިކް ކުންފުނީގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. އެ ކުންފުނީގެ ހަވާލުގައި އާންމު ހައްޖާޖީންގެ ގޮތުގައި 80 މީހުން ހައްޖަށް ދިޔަ އެވެ. އެ އެންމެން ވެސް މިއަދު ވަނީ މާލެ އައިސްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެ ކޯޕަރޭޝަނުން ގެންދިޔައީ ތިން ބެޗަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ މީހުން މިއަދު ވަނީ ރާއްޖެ އަންނަން ޖިއްދާއިން ފުރައިފަ އެވެ.

ހައްޖު ކޯޕަރޭޝަނާއި ކުންފުނިތަކުގައި ބައިވެރި ނުވެ ވެސް މި އަހަރު ރާއްޖޭން ގިނަ ބަޔަކު ހައްޖަށް ދިޔަ އެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ހަރަދުގައި، ސައުދީ އެމްބަސީ މެދުވެރިކޮށް ހައްޖަށް ދިޔަ މީހުންނާއި ރާއްޖޭގެ ހައްޖު މިޝަނާއި ސައުދީ އަރަބިއާގެ އެހެން އިދާރާތައް މެދުވެރިކޮށް ހައްޖަށް ދިޔަ ބައެއް މީހުންނެވެ.

އެ ފުރުސަތުތަކުގެ ތެރެއިން ދިޔަ ގިނަ މީހުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ތިން މީހަކު ވަނީ ހައްޖުގެ ތެރޭގައި މައްކާގައި ނިޔާވެފަ އެވެ.