ކޮވިޑް-19 އާ ހެދި އަހަރެމެންނަށް އަޅަން ޖެހުނު މާސްކު އަދިވެސް ނެގޭކަށް ނެތެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ބޭރަށް ދިޔަޔަސް ކޮންމެ ތާކަށް ދިޔަޔަސް މާސްކް މަޖުބޫރެވެ. މިހެން އުޅެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ވެސް އަދި ނޭނގެ އެވެ.

މި މާސްކާ އެކު އެތައް ބައެއްގެ ނަލަ މޭކަޕް ގެއްލިއްޖެ އެވެ. ބައެއް މީހުން ދެކެނީ މާސްކު އަޅައިގެން މޭކަޕް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

އެކަމަކު ގިނަ މީހުން މޭކަޕް ކުރަނީ އެމީހުންގެ އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށް ކަމަށް ބުނެ އެވެ. އެހެންވެ ރިީތިކޮށް މޭކަޕް ކޮށްގެން ވެސް މާސްކް އަޅަންވީ އެވެ.

ގިނަ ވަގުތު މާސްކު އަޅައިގެން އުޅެންޖެހޭ ނަމަ ފުލް މޭކަޕެއް ނުކޮށް، އާދައިގެ ލައިޓް ގޮތަކަށް މޭކަޕްކުރާނީ އެވެ. ބޮޑަށް އޮއިލް-ފްރީ ފޯމިއުލާއެއް ރަނގަޅުވާނެ އެވެ.

ފައުންޑޭޝަންގެ ބަދަލުގައި ޕްރައިމާ

ގިނަ ވަގުތު މާސްކު އަޅައިގެން އުޅެން ޖެހުމުގެ ސަބަބުން މާސްކު މޫނުގައި ހޭކޭނެތީ، ފައުންޑޭޝަނަށް ވުރެ ބޮޑަށް ޕްރައިމާ ބޭނުންކުރުން ރަނގަޅު ކަމަށް ބޭރުގެ ތަޖުރިބާކާރު މޭކަޕް އާޓިސްޓުންގެ ލިޔުންތަކުގައި ބުނެފައި އެބަހުއްޓެވެ. ފަހުގެ އުފެއްދުންތަކުގައި، ޕްރައިމާ އަކީ މޫނު ތާޒާކޮށް ބަހައްޓައިދޭ އެެއްޗެކެވެ.

ނިތްކުރިއާއި ލޯ ކައިރީ ތިރީގައި ހުންނަ އައިބުތައް ފޮރުވާލަން ކޮންސީލާއެއް ބޭނުންކުރާނީ އެވެ. އަދި މާސްކުގެ އެތެރެ އާއި ބޭރުގެ ވަށައިގެން ހުންނަ ބައިތަކަށް ވުރެ ބޮޑަށް ފެންނަން ހުންނަ ބައިތަކަށް އިސްކަން ދޭށެެ.

ލޮލުގެ ތިރީ ކައިރީގައި ބޮޑަށް ކޮންސީލާ ބޭނުންކުރާށެވެ. އެއީ މާސްކުގެ ހިޔަނި ބޮޑަށް އެޅިފައި އިންނާނީ ލޮލުގެ ތިރިއާ ދިމާއަށް ކަމަށް ވާތީ އެވެ. ކޮންސީލާ ބޭނުން ކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ މީހާގެ ހަމުގެ ކުލަޔާ ގުޅޭ ޓޯނަކަށެވެ. ކްރައިލޯން ބްރޭންޑްގެ ޑާމާކަލާ ކެމަފްލޭޖް މިނީ ޕެލެޓަކީ މިކަމުގައި މޭކަޕް އާޓިސްޓުން ރިކޮމެންޑްކުރާ އެއްޗެކެވެ. އޭގައި 16 ޝޭޑެއް ހިމެނޭއިރު، އެއިން މިކްސް ކޮށްގެން އަމިއްލަ ޝޭޑްތައް ވެސް ނެރެވޭނެ އެވެ. ކުޑަ ފިހިކޮޅަކުން ނުވަތަ އިނގިލިން ކޮންސީލާ މޫނުގައި އުނގުޅާލުމުން ކޮންސީލާތައް މޫނުގެ ހަންގަނޑުގެ ތެރެއަށް ފަސޭހައިން ވަދެގެން ވެސް ދާނެ އެވެ.

ބޮލުގެ އިސްތަށިގަނޑާ އެއް ކުލައަކުން ބުމަ ފަވާލުން ވެސް މިއީ މޭކަޕް ފުރިހަމަކޮށްދޭ ކަމެކެވެ. ކްލިއާ ގްލޫއަކުން ބުމަ ރީތިކޮށް އެއްވަރު ކޮށްލާފައި ބެހެއްޓުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ އެވެ.