ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ދައުރުގެ ޖަލްސާތައް ނިންމައި މިއަދުން ފެށިގެން މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަން ކުރިން ކަނޑައަޅާފައި އޮތަސް އެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މާދަަމާ އިން ފެށިގެން މަޖިލިސް ރިސެސް އަށް ދާނެ ކަމަށް ރިޔާސަތުން ކުރިން އިއުލާނު ކޮށްފައި ވިޔަސް މި މަހުގެ 31 އާ ހަމައަށް އެކަން ލަސްކުރަަން ގަވައިދު ތަންދޭ ކަމަށެވެ. އެހާ ހިސާބަށް މަޑުކޮއްލައިފި ނަމަ ގިނަ މަސައްކަތްތަކެއް އިތުރަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮގަސްޓް 31 އާ ހަމައަށް އަޅުގަނޑުމެން ރިސެސް އަށް ނުގޮސް މަޑުކޮށްލައިފިއްޔާ ގާތްގަނޑަކަށް އިތުރު އަށް ބިލް [ނިންމައިލެވޭނެ]. އެ މަސައްކަތް ނިންމައިލެވޭ އަޅުގަނޑުމެން ރިސެސް އަށް ދިއުމުގެ ކުރިން،" އީވާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން އައި މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުން ފާސްކުރަން ޖެހުނު ބައެއް ގާނޫނުތަކާއި ނިންމުންތައް ނިންމުމަށްޓަކައި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމުމުން ޗުއްޓީ އަށް މެމްބަރުން ވަޑައިނުގެން އޭރު މަޑުކުރެއްވި އެވެ. މިދިޔަ އޭޕްރީލް މަހު މަޖިލިސް ރިސެސް އަށް ނުދިޔަ ނަމަވެސް ގަވައިދުން އޭރު ޖަލްސާތަކެއް ނުބާއްވަ އެވެ. އޭރު މަޑުކުރީ ކަމެއް ޖެހިއްޖެ ނަމަ އެކަމަަކަށް ހާއްސަކޮށް ޖަލްސާތައް ބާއްވާ ގޮތަށެވެ.