ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ ޖުލައި 26 ގެ ފަހުން ކަމަށް އެ އިދާރާ އިން ނިންމައިފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލްކޮށްފައި ނުވާ ކަމަށެވެ. ޖަލްސާތައް އަލުން ފަށާނީ ބަންދަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވާން ޖެހެ އެވެ. އެކަމަކު އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަސް، މިނިވަން ދުވަހާ ދިމާވުމާ ގުޅިގެން ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅައިފި އެވެ.
ބެލެވޭ ގޮތުގައި އެންމެ އަވަހަށް ޖަލްސާ ބާއްވާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ އެކެއްގަ އެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާއެކު އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދައޫދޫ ހުށަހެޅުއްވި ބިލުގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ. މަޖިލީހުގެ ބައެއް މެމްބަރުން ދަނީ މި ބިލު ވީހާ ވެސް އަވަހަކަށް ފާސް ކުރުމަށް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މުހިންމު މައްސަލަތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަތަކާއި ރައްޔިތުންނާ ގުޅުން ހުރި ގިނަ ގާނޫނުތަކެއް ކޮމެޓީގައި ދިރާސާ ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.