އެމެރިކާގެ ޕޮޕް ލަވައިގެ ރާނީ މެޑޯނާ ޒުވާން ލޯބިވެރިޔާ އަހްލާމާލިކް ވިލިއަމާ އެކު އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރަމުން އެބަދެ އެވެ.
ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް އެމެރިކާގެ ލަވަކިޔުންތެރިޔާގެ އިންސްޓްގްރާމްގައި އާންމު ކޮށްފައި ވިޔަސް ޗުއްޓީ ހޭދަކުރަނީ ކޮންތާކު ކަމެއް ބުނެފައެއް ނުވެ އެވެ. އެކަމަކު، ޑެއިލީ މެއިލުން ބުނީ މެޑޯނާ 61، އާއި 26 އަހަރުގެ އަހްލާ ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށެވެ.
އެ ދެ މީހުންނާ އެކު މެޑޯނާގެ ދަރިން ވެސް ދަތުރުގައި ބައިވެރިވެ އެވެ. އިންސްޓަގްރާމް ސްޓޯރީގައި ދަރިންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓް ކޮށްފައިވެ އެވެ.
މެޑޯނާ އަށް ވުރެ 35 އަހަރު ހަގު ލޯބިވެރިޔާ އާއި ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިރު، މި ދެ މީހުންގެ ލޯބީގެ ގުޅުން ވަރަށް ސީރިއަސް ކަމެއް ބުނެ އެ ވާހަކަ މީޑިއާގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެގޮތުން، މަޔާމީގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މެޑޯނާ އާއި އަހްލާ ވަރަށް ގައިގޯޅިކޮށް ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން ޝާއިއު ކޮށްފައިވެ އެވެ.
އަހްލާ އަކީ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. މެޑޯނާ ދެ ކައިންޏެއް ކޮށްފައިވާ އިރު، އޭނާގެ ހަ ދަރިން ތިބެ އެވެ. އޭގެ ތެރެއިން ހަތަރު ދަރިންނަކީ އެޑަޕްޓްކޮށްފައިވާ ކުދިންނެވެ.