ޕޮޕް ލަވައިގެ ރާނީ މެޑޯނާގެ ދަރިންގެ އުމުރުގެ ޒުވާނަކާ އޭނާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ރިޕޯޓަތައް ބުނެފި އެވެ.

ޑެއިލީ މެއިލުން ބުނެފައިވާ ގޮތުގައި 61 އަހަރުގެ ލަވަކިޔުންތެރިޔާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރާ އަހްލާމާލިކް ވިލިއަމް، 26، އާ އެވެ. އެ ނޫހުން ބުނިގޮތުގައި މިދިޔަ ހުކުރު ދުވަހު މެޑޯނާ އާއި ވިލިއަމްސް މަޔާމީގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ވަރަށް ގައިގޯޅިކޮށް ތިއްބައި ވެސް ފެނިފައިވެ އެވެ. ބައެއް ފޮޓޯތައް މީޑިއާތަކުގައި ވެސް ޝާއިއުކޮށްފައިވެ އެވެ.

މެޑޯނާ އޭނާ އަށް ވުރު އުމުރުން 35 އަހަރު ހަގު ލޯބިވެރިއެއް ގެންގުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި އޭނާ އާއި ވިލިއަމްސް އެކި ތަންތަނުން އެކި ފަހަރުމަތުން އެކީގައި ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މެޑޯނާ މިހާތަނަށް ދެ ކައިވެންޏެއްކޮށް، އިތުރު މީހަކާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ދުވަސްތަކެއް ވަންދެން ބާއްވާފައިވެ އެވެ.

އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ޝޯން ޕެންއާ އެވެ. އެ ދެ މީހުން 1985 ގައި ކުރި ކައިވެނި ރޫޅުނީ 1989 ގަ އެވެ.

އޭގެ ފަހުން މެޑޯނާ ވަނީ ކާލޯސް ލިއޯންއާ 1995-1997 އަށް ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަދި އެ ގުޅުން ނިމުމަކަށް އައުމުން އޭނާ ފަހުން ކައިވެނިކުރީ ޑައިރެކްޓަރު ގައި ރިޗީއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި އޭގެ އަށް އަހަރު ފަހުން ރޫޅުނީ އެވެ.

މެޑޯނާގެ ހަ ދަރިން ތިބެ އެވެ. އެއީ ލޯޑެޒް ލިއޯން، 23، އާއި ރޮކޯ ރިޗީ، 19، އާއި ޑޭވިޑް ބަންޑާ އެމްވާލޭ ސިސޯން ރިޗީ، 14، އާއި މާސީ ޖޭމްސް، 13، އާއި އެސްޓެއާ ސިޒޯން، 7، ގެ އިތުރުން ސްޓެލް ސިސޯން، 7، އެވެ.