ޕޮޕް ލަވައިގެ ރާނީ މެޑޯނާ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.
މިހާރު އުމުރުން 59 އަހަރުގެ ލަވަކިޔުންތެރިޔާ ގެނެސް ދޭނީ އަސަރު ގަދަ ހަގީގީ ހާދިސާއެކެވެ. އެމްޖީއެމަށް މެޑޯނާ ޑައިރެކްޓްކޮށްދޭ ފިލްމަކީ ސިއެރަލިއޯންގެ ހަނގުރާމައިގެ ތެރެއިން ނުކުމެ، ކާމިޔާބު އަދި މަޝްހޫރު ބެލެރިނާއަކަށް ބަދަލުވެގެން ދިޔަ ޔަތީމު އަންހެން ކުއްޖެއް ކަމަށްވާ މިޝެލާ ޑި ޕްރިންސްގެ ވާހަކަ އެވެ.
އުމުރުން އެންމެ 4 އަހަރުގައި އޭނާ އެޑަޕްޓްކޮށް، ބަލައި ބޮޑު ކުރީ އެމެރިކާގެ ދެމަފިރިއެކެވެ. މިޝެލާގެ މިހާރުގެ އުމުރަކީ 23 އެވެ.
އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަނީ 2014 ގައި ނެރުނު މިޝެލާ ބައޮގްރަފީ "ޓޭކިން ފްލައިޓް: ފްރޮމް ވޯ އޯފަން ޓު ސްޓާ ބެލެރީނާ" އަށް ބިނާކޮށްގެންނެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ ޓީވީ ސިލްސިލާ "ނިއު ގާލް" ގެ ސްކްރީން ރައިޓަރު ކެމީލާ ބްލެކެޓް އެވެ.
ފިލްމާ ބެހޭ ގޮތުން އެމްޖޭއެމުން ބުނީ "ޓޭކިން ފްލައިޓް" އަށް ފިލްމެއް ހަދަން އެ މީހުން މަސައްކަތް ކުރަމުން އަންނަނީ 2015 އިން ފެށިގެން ކަމަށެވެ.
"އެންމެ ފަހުން މެޑޯނޯ މިއަށް އޮންބޯޑްކޮށްގެން ފިލްމް ގެނެސް ދެވޭތީ ވަރަށް އުފަލުން މި ތިބީ،" އެމްޖީއެމްގެ ޕްރޮޑަކްޝަން ޕްރެޒިޑެންޓް ޖޮނަތަން ގްލިކްމަން ބުންޏެވެ.
މެޑޯނާ ބުނީ މިޝެލާގެ ފިލްމް ހަދަން އެެއްބަސްވީ އޭނާއަކީ ސިއެރަލިއޯންގެ އެތަކެއް ހާސް ޔަތީމު ކުދިންނަށް ނަމޫނާއަކަށްވާތީ ކަމަށެވެ. އަދި މި ވާހަކައިގެ ސަބަބުން އެތައް ކުއްޖަކަށް ހިތްވަރު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބުނާނީ މިޝެލާއަކީ ސިއެރެލިއޯންގެ އެތައް ހާސް ކުދިންގެ ހައްގުގައި އަޑު އުފުލާ މީހެކޭ އަދި އެއީ އެ ހުރިހާ ކުދިން ނަމޫނާއަކަށް ވާނޭ،" މެޑޯނޯ ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ ޑައިރެކްޝަނަށް ނުކުތީ 2008 ގެ ކޮމެޑީ ޑްރާމާ "ފިލްތު އެންޑް ވިޒްޑަމް" އިންނެވެ.