ކެލިފޯނިއާ (ފެބްރުއަރީ 21) - އެޑޮޕްޓްކޮށްގެން ގެންގުޅޭ ދަރިފުޅު ޑޭވިޑް ބަންޑާ ވަނީ މަލާވީގެ ކުރިމަގުގެ ރައީސް އަށް ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.
އެމެރިކާގެ ލަވަކިޔުންތެރިޔާގެ ހަ ދަރިންގެ ތެރޭން ހަތަރު ކުދިންނަކީ މަލާވީން އެޑޮޕްޓްކުރާ ކުދިންނެވެ. މަލާވީގެ ބައެއް ކުދިން އެޑޮޕްޓް ކުރި ނަމަވެސް އިރުދެކުނު އެފްރިކާގައި އޮންނަ ގައުމާއި މެޑޯނާއާ ދެމެދު މައްސަލަތައް ވަނީ ޖެހިފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު މެޑޯނާގެ މައްޗަށް ވަނީ މަލާވީ ސަރުކާރުގެ އިސް އޮފިޝަލުންނަށް ބުލީކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. މެޑޯނާގެ މެނޭޖަރު ބުނީ މެޑޯނާ ހިންގާ ޗެރިޓީ "ރައިޒިން މަލާވީ"އާ މެދު އެ ގައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ހިތުގައި ނަފުރަތު އޮންނަ ކަމަށެވެ. މެޑޯނާ ޗެރިޓީ އުފެއްދީ 2006 ވަނަ އަހަރު އެވެ. މެޑޯނާ، ޑޭވިޑް އެޑޮޕްޓް ކުރީ ވެސް އެ އަހަރު އެވެ.
މެޑޯނާ އެޑޮޕްޓްކުރާ ހަތަރު ކުދިންގެ ތެރޭން އެންމެ ދޮށީ 12 އަހަރުގެ ޑޭވިޑް ބަންޑާ އެވެ. މަލާވީގެ ގާނޫނު ބުނާ ގޮތުން އެ ގައުމުގެ ކުއްޖަކު އެޑޮޕްޓްކުރާ ނަމަ އެ ކުއްޖެއްގެ މައިންބަފައިންނަށް ވާން ބޭނުންވާ މީހުން މަލާވީގައި މަދުވެގެން އެއް އަހަރު ދިރިއުޅެން ޖެހެ އެވެ. މަލާވީގައި މެޑޯނާ އެއް އަހަރު ދިރިއުޅެފައި ނުވާތީ އެތައް ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެކަމަކު ގާނޫނުގެ މި މާއްދާ އިން މެޑޯނާ އަށް ވަނީ ލުއިތަކެއް ދީފަ އެވެ. އިތުރު ކުއްޖަކު އެޑޮޕްޓް ކުރަން މެޑޯނާ ހުށަހެޅުމުން މަލާވީގެ ހައި ކޯޓުން 2009 ވަނަ އަހަރު ވަނީ މެޑޯނާގެ ހުށަހެޅުމަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދެ ވަނަ ކުއްޖަކު އެޑޮޕްޓް ކުރުމުގެ ހުއްދަ މެޑޯނާ އަށް ވަނީ ދީފަ އެވެ.