ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމަށް (މާޒް ސަލީމް) މަގުމަތިން ގްރޫޕެއް ދިމާކޮށްލައި، މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރު ދިނީ ރޭ ދަންވަރު 1:30 ހާއިރު ގެއިން ނުކުމެގެން ރައްޓެހި މީހެއް ގެއަށް ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ. އެގޮތުން ސޯސަން މަގުން ދަނިކޮށް 6-8 މީހުންގެ ގްރޫޕަކުން ވަށައިލާ ބިރު ދައްކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަށައިލައިގެން ތިއްބާ ޓީސީ ކުދިންތަކަކަށް ފެނުނީމަ، އެ ކުދިން އައިސް ސަލާމަތްކޮށް ދިނީ. ހަމަލާ ދޭން އައި މީހުންނާ އެކުދިން ވާހަކަ ދެއްކި،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމަލާ ދޭން އައި މީހުން ދަމުން "ކުރިއަށް އޮތް ހަފްތާގައި ހޭއަރުވާލާނެ" ކަމަށް ވަނީ ބުނެފަ އެވެ.
ސަލީމް ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ.
އެމީހުން އެ ސަރަހައްދުން ދިޔައީ ފޮޓޯ ނަގާފައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެކަމަކު މީގެ ކުރިން އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އެތަނަށް ފަހުން އައި ދެ ފުލުހުން ވެސް. އަޅުގަނޑަށް ނުދޭ ހިމާޔަތެއް،" ސަލީމް ވިދާޅުވި އެވެ.
އެހެންކަމުން މާލެއަކީ ނާމާން ބިރުވެރި ތަނެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"އަޅުގަނޑަކާ އެއްވެސް މީހަކާ ނޯންނާނެ ރުޅިވެރިކަމެއް. އެކަމަކު ދާދި ފަހުން އަޅުގަނޑު ސައިކަލްގައި ދަނިކޮށް މީހަކު ވަނީ ސައިކަލްގައި ޖައްސާފައި،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ސަލީމް ވިދާޅުވި އެވެ.