މާލޭގައި ހޮސްޕިޓާލިޓީ ހިދުމަތްދޭ އެންމެ ބޮޑު އެއް ހޮޓެލް، މާގިރި ހޮޓެލްއަށް މިއަދު ފަސް އަހަރު ފުރިއްޖެ އެވެ.
އެ ހޮޓެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރެވެ. އަދި މިދިޔަ ފަސް އަހަރު އެ ކުންފުންޏަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހޮޓެލް ކާމިޔާބުކަމާ އެކު ހިންގުމަށް މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ތަނަކީ ދިވެހިންނާއި ޓޫރިސްޓުންގެ އިތުބާރު ލިބިފައިވާ މަގުބޫލު ހޮޓަލެއް ކަމަށެވެ.
"މާގިރި ހޮޓެލް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ ވެސް އިތުބާރު ލިބިފައިވާތަނެއް. އެކި ވިޔަފާރިތަކުންނާއި އިސްވެރިން ވެސް އަޅުގަނޑުމެންގެ މަސައްކަތްތައް ވަނީ ބަލައިގެންފައި. ރާއްޖެ ޒިޔާރަތްކުރައްވާ އިސްވެރިންނާއި ވިޔަފާރިވެރިންނާއި އެހެނިހެން ބޭފުޅުން ވެސް މާލޭގައި މަޑުކުރާ ނަމަ ހިޔާރު ކުރާ ތަނަކަށް މިތަން މި ވަނީ ވެފައި،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި މާގިރި ހޮޓެލްއަށް 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވަނީ ޓްރިޕް އެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑް ލިބިފަ އެވެ. އަދި އެ ހޮޓަލަށް ވަނީ ބެސްޓް ސިޓީ ހޮޓެލް އެވޯޑާއި ލީޑިން ބިޒްނަސް ހޮޓެލް އެވޯޑު ވެސް 2022 ވަނަ އަހަރުގެ ސާޓާ އެވޯޑުގައި ލިބިފަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ މާގިރި ހޮޓެލް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސޭހައިން ދެވެން ހުރި ހޮޓެލަކަށްވުމުން އެ ތަނަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުތަނެއް ކަމަށް މާގިރި ހޮޓެލްއިން ބުނެ އެވެ.
އެ ހޮޓެލްއިން ބުނި ގޮތުގައި އެ ތަނުގައި އިންޑިއަން ފުޑްސްއަށް ހާއްސަ "ޕީކް ރޫފްޓޮޕް" ރެސްޓޯރަންޓާއި އެކި ތީމުތަކަށް ބުފޭ ނައިޓްސްތައް ތައްޔާރު ކުރާ "ފަރު" ރެސްޓޯރަންޓަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ދެ ރެސްޓޯރަންޓެވެ.
މާގިރި ހޮޓެލްގައި ހުންނަ ދެ ރެސްޓޯރަންޓުގެ އިތުރުން މީޓިން ރޫމަކާއި ދާދި ފަހުން ރެނޮވޭޓް ކުރި ކޮންފަރެންސް ހޯލެއް ހުރެ އެވެ. އެ ދެ ތަނަކީ ވެސް އެކި ހަފްލާތަކަށް ދޫ ކުރާ ދެ ތަނެވެ.