މާލެ އަތޮޅުގައި އޮންނަ "އޯޒެން ލައިފް މާދޫ" ގައި ތެޔޮ ފީފާއެއްގައި ރޯވެ އެތަނުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކު މިރޭ ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެގެން މާލެ ގެނެސްފައިވާ ކަމަށެވެ. އަނިޔާވީ ދިވެއްސަކާއި ތިން ބިދޭސީއަކަށެވެ.

އެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އަނިޔާގެ ތަފްސީލް އަދި ސާފެއް ނުވެ އެވެ. އެ މީހުންގެ ހާލު ސާފުކުރުމަށް އޭޑީކޭ އަށް ގުޅުމުން ބުނީ އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި މިހާރު ޑޮކްޓަރުން އެޓެންޑްވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ޕެޓްރޯލް ޓޭންކެއްގެ ކައިރީގައި ހުރި ފީފާގައި ރޯވި އަލިފާން އެ ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ރިސޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.