ކޮމާޝަލް ޕައިލެޓް ލައިންސަންސް ވެސް އޮންނަ ބޮލީވުޑްގެ ބަތަލާ ގުލް ޕަނަގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އުމުރުން 40 އަހަރުގެ ބަތަލާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަނީ މާދޫ ރިސޯޓްގަ އެވެ. އެތަނުގައި ދަރިފުޅާ އެކު ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ގުލް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ދެހާސް އެގާރައިގައި ޕައިލެޓަކާ ކައިވެނިކުރި ބަތަލާ މީގެ 20 އަހަރު ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ކުރިން ބޮލީވުޑްގެ ފިލްމުތަކުގެ ލީޑް ރޯލުން ފެނުނު ނަމަވެސް މިހާރު ސަޕޯޓިން ރޯލްތަކުން ފެންނަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ނީލް ނިތިން މުކޭޝްގެ މިސްޓްރީ ތުރިލާ "ބައިޕާސް ރޯޑް" އެވެ. މި އަހަރު ގުލް ފެނިގެން ދިޔަ އަނެއް ފިލްމަކީ މެއި މަހު ރިލީޒްކުރި ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން މިހާރު ސްޓްރީމްކުރާ ވެބް ސީރީޒް "ދަ ފެމިލީ މޭން" ގެ ކާސްޓްގައި ވެސް ގުލް ހިމެނެ އެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ/ޕްރޮޑިއުސަރު ރިއާ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލާނީ ވެސް އަންނަނީ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ޗުއްޓީ އަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިން މިހާރު ވަރަށް ގިނަ އެވެ.