ތިރީސް އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު މާލެ އަތޮޅުގައި، އާ ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހު އިއްޔެ ހުޅުވައިފި އެވެ.

ކަނޑޫމާ ރިސޯޓް (މިހާރު ހޮލިޑޭއިން ކަނޑޫމާ) 1985 ގައި ހުޅުވި ފަހުން މާލެ އަތޮޅުގައި މުޅިން އަލަށް ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރީ، ކުރިން ޕިކްނިކް އައިލެންޑަކަށް ބޭނުންކުރި މާދޫފިނޮޅެވެ.

އޯޒެން ބައި މާދޫގެ ހިތްގައިމު ބީޗް ވިލާއެއް. -- ފޮޓޯ: އޯޒެން ބައި މާދޫ
އޯޒެން ބައި މާދޫގެ ހިތްގައިމު ބީޗް ވިލާއެއް. -- ފޮޓޯ: އޯޒެން ބައި މާދޫ

"އޯޒެން ބައި މާދޫ" ގެ ނަމުގައި 90 ވިލާ ހުންނަ އެންމެ މަތީ ފެންވަރުގެ މި ރިސޯޓަކީ މާލެއިން ފުރައިގެން 35 މިނެޓުން ދެވޭ ހިސާބުގައި އޮތް އަދި ހިތްގައިމު ބޮޑު ފަޅެއް ވެސް ހިމެނޭ ރަށެކެވެ. އެ ރިސޯޓުގައި 41 ބީޗް ވިލާ އަކީ 49 ވޯޓާ ވިލާ ހުރެ އެވެ. އަދި މޫދު އަޑީގެ ރެސްޓޯރެންޓަކީ މާލެ އަތޮޅުގައި ހެދި އޭގެ ފުރަތަމަ ރެސްޓޯރެންޓް ވެސް މެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދޫ ހުޅުވިއިރު އެ ރަށުގެ އޮކިއުޕަންސީގެ 90 ޕަސެންޓްގައި ހުރި ކަމަށެވެ.

އޯޒެން މާދޫގެ ނަމުގައި މާލެ އަތޮޅުގައި އަލަށް ހުޅުވި ރިސޯޓުގެ ހިތްގައިމު ވިލާއެއް. -- ފޮޓޯ: އޯޒެން މާދޫ
އޯޒެން މާދޫގެ ނަމުގައި މާލެ އަތޮޅުގައި އަލަށް ހުޅުވި ރިސޯޓުގެ ހިތްގައިމު ވިލާއެއް. -- ފޮޓޯ: އޯޒެން މާދޫ

ގުރައިދޫ ކައިރީގައި އޮންނަ މި ރިސޯޓްގެ މޫދު އަޑީގެ ރެސްޓޯރަންޓުން އިތުރު ޗާޖެއް ނުގައި ހިދުމަތް ލިބެ އެވެ. މިއީ ވެސް ރާއްޖޭގައި އަލަށް ފެށި ކަމެކެވެ. މީގެ ކުރިން ހުޅުވާފައިވާ މޫދު އަޑީގެ ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދާ މީހުންގެ އަތުން ވަކި ފީއެއް ނަގަ އެވެ.

އޯޒެން ބައި މާދޫގެ ބީޗް ވިލާއެއްގެ ގެސްޓުންނަށް ކުޑަ ޖަހާފައި -- ފޮޓޯ: އޯޒެން ބައި މާދޫ
އޯޒެން ބައި މާދޫގެ ބީޗް ވިލާއެއްގެ ގެސްޓުންނަށް ކުޑަ ޖަހާފައި -- ފޮޓޯ: އޯޒެން ބައި މާދޫ

އޯޒެން ބައި މާދު އަކީ ރާއްޖޭގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްގެ ފަރާތުން ހިންގާ ތިން ވަނަ ރިސޯޓެވެ. އަނެއް ދެ ރިސޯޓަކީ ޅ. އަތޮޅުގައި އޮންނަ އެޓްމޮސްފިއާ ކަނިފުއްޓާއި ކ. އަތޮޅުގައި އޮންނަ އޯބްލޫ އެޓްމޮސްފިއާ ހެލެނގެލި ރިސޯޓެވެ. އަދި އިތުރު ދެ ރިސޯޓު މި އަހަރުގެ ތެރޭގައި އެ ކުންފުނިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.