މި ސަރުކާރު އޮތީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމަށް ޖާގަދީގެން ކަމަށާއި ކުރިއަށްދާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މ. ރަތްމަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2013-2018 އާ ދޭތެރޭ ހިނގައިދިޔަ ކަންތައްތަކާއި 2018 އިން ފެށިގެން މި ފަސް އަހަރުގެ ތެރޭގައި ކަން ހިނގަމުން ދާ ގޮތް ރަނގަޅަށް ވަޒަންކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމާއި މި ހުރިހާ ކަމަކަށް ތަންދީގެން ކުރިއަށްދާން. ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްދާން. އެހެންވެ، މިފަދަ ކުދި ކުދި ރަށްރަށަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑުމެން މި އޮޅުންފިލުވަނީ. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގައި ވެސް، އެ ރަށެއްގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުންދާނީ އެ ރަށެއްގެ ކައުންސިލާއި ރައްޔިތުންނާ ވާހަކަ ދައްކައިގެން، އެ މީހުން ބޭނުންވާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ރަށަކީ ވެސް އާބާދީ ކުޑަވުމުން އިހުމާލުވެފައި އޮތް ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކަނީ މި ރަށުގައި 118 މީހުން ދިރިއުޅޭ ކަމަށެވެ. ކިޔަވައިދެނީ ގްރޭޑް 6 އާ ހަމައަށެވެ. މިހެން ހުރި ރައްޔިތުން ކަންބޮޑުވާ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ޖީޑީޕީއަށް ބަލާއިރު 12،000އަށް ވުރެ ގިނަ ޑޮލަރު ބޮލަކަށް ޖެހޭއިރު، އެއްވެސް ރައްޔިތަކު އަސާސީ ހިދުމަތްތަކުން މަހުރޫމްވެގެން ނުވާނެ. ޖަޒީރާ ރާއްޖޭގެ ނަމުގައި މެނިފެސްޓޯ ހިފައިގެން ނުކުތީ ދައުލަތަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތުގައި ފޯރުކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ ވާހަކަތައް ފައްޓަން ޖެހޭނީ ގައިން ތާހިރުވެގެން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްދީ، ލަފާ ފުރޭނެ ގޮތްތައް ހަމަނުޖެހި ދައްކަން ޖެހޭނީ ކޮން ތަރައްގީގެ ވާހަކައެއްތޯ ރައީސް ސުވާލުކުރެއްވި އެވެ. ކުދި އާބާދީތަކަށް މިވީހާ ތަނަށް މިއިން އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި އެ ބޭފުޅުން ވިސްނީ އާބާދީ ކިތައްމެ ކުޑަވިޔަސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށެވެ. މި ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަމުން އަންނައިރު، ފެނަކަ އާ އިންޖީނުގެ މިއަދު ވަނީ ހުޅުވައިފަ އެވެ. އެ ހުރިހާ ކަމާއެކު ވެސް، ކުދި ރަށްރަށަށް ދިރުން އަންނާނެ ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި އަތޮޅާއި ރާއްޖެ ގުޅާލުމެވެ.
އާރުޓީއެލް ފެރީއާ އެކު އަންނަ އަހަރުގެ ތެރޭގައި އެކަން ހާސިލްވުމުން، ކުދި ރަށްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"...ލިބެން ނެތް ހިދުމަތް ހޯދަން ރަށްރަށަށް ޔަގީންކަމާ އެކު ދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އަމާން ރާއްޖެއަކަށް ރަތްމަންދު އާއި މ. އަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.