ރާއްޖޭގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ހުޅުވާލާނީ ޒުވާން ޖީލަކަށް ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މ. މަޑުއްވަރީގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ އެތައް ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގިއޔަސް، މީހުން ބިނާކުރުން ދޫކޮށް ނުލާ ކަމަށެވެ.

ތައުލީމީ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުން އިސްކަން ދިން ކަމެއް ކަމަށާއި އެކަމުގެ ބިންގާ އަޅައި ސްކޫލްތަކުގައި 1،716 ކްލާސް ރޫމްގެ މަސައްކަތްކޮށް 85 މަލްޓިޕާޕްސް ހޯލް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، 227 ކްލާސްރޫމް ނިންމައި މި ވަގުތު 806 ކްލާސްރޫމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން 17،858 ދަރިވަރުން ކިޔަވަމުން އަންނައިރު، އޭގެ ތެރެއިން 6،540 ދަރިވަރުން ކިޔެވުން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަތީ ތައުލީމް ހާސިލްކުރަން ދޫކުރި ލޯނުތަކުގައި ވެސް 3،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ސްކޮލަޝިޕްގައި 1،260 ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، އެ ހުރިހާ ދަރިވަރުން ކިޔަވުން ނިންމައި ރާއްޖެ އައުމުން އަދާކުރާނެ ރަނގަޅު ވަޒީފާ އުފެއްދުމަކީ ވެސް ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނީ 5،600 މީހުން ތަމްރީންކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ މުސްތަގުބަލު ވަރަށް އުޖާލާ، ވަރަށް އުއްމީދީ ކުދިންކޮޅެއް މި އަންނަނީ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެ ކުދިން އައިސް މި ގައުމުން މުޅިން އެހެން މަރުހަލާއަކަށް ގެންދިއުން. އަޅުގަނޑުމެން މި ބޭނުންވާ އުފާވެރި، އަމާން ރާއްޖެއެއް އަޅުގަނޑުމެންނަށް ގެނެސްދެވޭނީ، ހޯދައިދެވޭނީ މި ކުދިންނަށް ފުރުސަތު ދީގެން. ޒުވާން އާ ޖީލަކަށް އަޅުގަނޑުމެންގެ ކުރިއަށް އޮތް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި ދައުރަށް ވެވަޑައިގެންނެވި ވައުދުތަކުން 90 ޕަސެންޓަށް ވުރެ ގިނަ މަޝްރޫއު މިހާރު ވެސް ވަނީ ނިމިފަ އެވެ. ފެނާއި ނަރުދަމާ އަށް 141 ރަށެއްގައި ފަސް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުން އަންނާތީ، މިއީ، މިއިން ޒަމާނެއްގައި ނުހިންގާ ވަރުގެ މަޝްރޫއުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

މަޑުއްވަރީ ފަދަ ކުދި ރަށްތަކަށް ފާއިތުވި އަހަރުތަކުގައި އިހުމާލުވެފައިވާތީ، ތަރައްގީގެ މަޝްރޫއުތައް މި ހިސާބަށް އަންނާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި 15-20 އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ބަދަލުކޮށް، އާބާދީއަކަށް ނުބަލައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވި އެވެ.

މި ރަށާއެކު، މި އަތޮޅުގެ އެހެން ރަށްތަކަށް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ މަޝްރޫއުތަކުން މުޅި މ. އަތޮޅު ބަދަލުވެ، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އަޣުލަބިއްޔަތު ހޯއްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.