މަހުޖަނުންނަށް ވިއްކަން ރާއްޖޭގައި 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ފްލޯޓިން އަލްޓްރާ ލަގްޒަރީ ވިލާތަކެއް ހެދުމަށް ރިސޯޓު ކޮންސްޓްރަކްޝަން ދާއިރާގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް) އާއި ފިންލެންޑްގެ މޭޔާ ފްލޯޓިން ސޮލިއުޝަނުން ސޮއިކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ކުންފުނިން ވަނީ ކ.ވިލިވަރު ގައި 13 ލަގްޒަރީ ފްލޯޓިން ވިލާ އެޅުމުގެ މަޝްރޫއުގައި ރަސްމީކޮށް ސޮއިކޮށްފަ އެވެ.
މޭޔާ ފްލޯޓިން ސޮލިއުޝަނަކީ ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކްރޫޒްލައިނާ ބަންނަ ކުންފުންޏެވެ.
ކ. ވިލިވަރަކީ ކޮވިޑް ދުވަސްވަރު ކަރަންޓީނު ފެސިލިޓީއެއް ހެދި ރަށެކެވެ.
އެޗްއޭއާރްއައިއެމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ކ.ވިލިވަރުގައި އަޅަނީ އެންމެ ލަގްޒަރީ ވިލާތައް ކަމަށާއި އެކަމަށް ބޭނުންވާ ފައިނޭންސް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ރިސޯޓު ކޮންސްޓްރަކްޝަންގެ ބިޔަ މަސައްކަތްތައް ކުރި އިރު ވެސް، ރާއްޖެއަށް ތަފާތު ކޮންސެޕްޓުތައް ތައާރަފް ކުރަން ބޭނުންވި ކަމަށެވެ. އެހެންވެ، މޭޔާ އާ އެކު ވި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މުޅިން ތަފާތު ޓެކްނޮލޮޖީއެއް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ އަޅާ 13 ވިލާ ވިއްކަން ހަމަޖެހިފައިވަނީ 20 މިލިއަން ޑޮލަރު (300 މިލިއަން ރުފިޔާ) އަށް ވުރެ މަތީ އަގުތަކެއްގަ އެވެ. ޖަނާ ވިދާޅުވީ، ވިލާތައް ވިއްކުމަށް ހާއްސަކޮށް، އެ ވިލާތައް ގަނެވޭ ފެންވަރުގެ ފަރާތްތަކަށް ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ.
"ދުބާއީ ފަދަ ގައުމުތަކުގައި މިފަދަ ވިލާއެއް 45 މިލިއަން ޑޮލަރަށް، 60 މިލިއަން ޑޮލަރަށް ވިއްކާލާ އިރު، އެފަދަ ލަގްޒަރީ ވިލާތައް ރާއްޖެއަށް ނުގެނެވޭނެ ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ފެންވަރުގެ ހައުސިން ޕްރޮޖެކްޓެއް ފެށުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކ. ވިލިވަރުގެ އިތުރުން ބައެއް އެހެން ރަށްތަކުގައި ވެސް މި ކޮންސެޕްޓަށް އަލްޓްރާ ލަގްޒަރީ ވިލާތައް އެޅުމަށް ބަލަމުން އަންނަ ކަމަށެވެ.
މޭޔާ ފްލޯޓިން ސޮލިއުޝަންސް ގެ ޑިރެކްޓަރު މިކޯ ލަގްޓޯނެން ވިދާޅުވީ، މި ވިލާތައް ގަތުމަށް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ހުޅުވާލާނެ ކަމަށެވެ.
"މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައި. އަޅުގަނޑުމެންގެ މި ޕްރޮޖެކްޓް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އިމާރާތް ކުރުމުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިއިން ވިލާއެއް ނިންމުމަށް ދޮޅު އަހަރު ވަރު ނަގާނެ އެވެ. މި ވިލާތައް 2024 ހިސާބަށް ނިންމާލެވޭނެ ކަމަށް އެޗްއޭއާރްއައިއެމް އިން ބުންޏެވެ.