ކުއާލަ ލަމްޕޫރު (ޖެނުއަރީ 17) - ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ލޫކަސް ޕޮޑޯލްސްކީ މެލޭޝިއާ ލީގު ނޫނީ އިންޑިއަން ސުޕަ ލީގަށް ބަދަލުވާން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންދްރޭސް އިނިއެސްޓާއާ އެކު ޖަޕާން ލީގުގެ ވިސެލް ކޯބޭ އަށް ކުޅެމުން އަންނަ ޕޮޑޯލްސްކީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އުމުރުން 34 އަހަރުގެ ޕޮޑޯލްސްކީގެ ވިސްނުން ހުރީ އޭޝިއާގައި ކުޅޭށެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮޑޯލްސްކީ ވާހަކަ ދައްކަމުން އަންނަ ކްލަބްތަކުގެ ތެރޭގައި އޭނާ އެންމެ ޝައުގުވެރިވަނީ މެލޭޝިއާގެ ޖޮހޯރަށް ބަދަލުވާށެވެ. އެ ގޮތުން ޕޮޑޯލްސްކީ ވަނީ ޖޮހޯރުގެ ވެރިންނާ ވެސް މަޝްވަރާކޮށްފަ އެވެ.

ފޮކްސް ސްޕޯޓްސް އޭޝިއާ އަށް ދިން އިންޓަވިއުއެއްގައި ޖޮހޯރުގެ ވެރިޔާ ޓުންކޫ އިސްމާއިލް ވިދާޅުވީ ޕޮޑޯލްސްކީ ޖޮހޯރަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރިކަމަށް ބުނެފައިވާ ކަމަށާއި އޭގެ މަޝްވަރާތަށް ކުރިއަށްދާ ކަމަށެވެ.

"މަޝްވަރާތަކަށް އޭނަ ހުރީ ތައްޔާރަށް. މި ވަގުތަށް ބަލާއިރު އަހަރެމެންގެ ބިދޭސީ ކުޅުންތެރިންގެ އަދަދު އޮތީ ހަމަވެފައި. އެކަމަކު އަހަރެމެންނަށް ކަންތައްތައް ކުރެވޭނެ ގޮތްތަކެއް އެބަހުރި. ޕޮޑޯލްސްކީ ފަދަ ކުޅުންތެރިޔަކު މި ޓީމަށް ކުޅުމަކީ ލިބޭނެ ބޮޑު ޝަރަފެއް،" އިސްމާއިލް ވިދާޅުވި އެވެ.

ބަޔާން މިއުނިކާއި އިންޓަ މިލާން އަދި އާސެނަލަށް ކުރިން ކުޅުނު މިހާރު އުމުރުން 34 އަހަރުގެ ޕޮޑޯލްސްކީ ހޯދަން އިންޑިއާގެ ކްލަބްތަކުން މަސައްކަތްކުރާއިރު އެ ރޭހުގައި ގިނަ ކްލަބްތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ނޯތުއީސްޓް ޔުނައިޓެޑް އެވެ.

ޔޫރަޕްގެ ޓްރާންސްފާ މާކެޓްގެ ހަބަރުތަކަށް ބަލާއިރު މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އޭޝްލީ ޔަންގް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވުމަށް ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އަދި އާސެނަލުން ޕީއެސްޖީގެ ފުލްބެކް ލެވިން ކުރްޒާވާއާ އެކު ވަނީ މަޝްވަރާތައް ފަށައިފަ އެވެ.