ޕޯޓޯ އަލެގްރޭ، ބްރެޒިލް (އޭޕްރީލް 10) - އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، 36، މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ ގްރީމިއޯ އާއެކު ރީޖަނަލް ލީގު ކާމިޔާބުކޮށްފި އެވެ.
އެގައުމުގެ ރިއޯ ގްރާންޑޭ ޑޮ ސުލް ސްޓޭޓްގެ ކްލަބާ އެކު ސުއަރޭޒް ވަނީ ފުރަތަމަ މެޗުގައި ވެސް ހެޓްރިކެއް ހަދައި ސްޓޭޓްގެ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ބްރެޒިލްގެ ގައުމީ ލީގު ފެށުމުގެ ކުރިން މިވަނީ ސްޓޭޓް ލީގު ކަމަށްވާ ކަމްޕެއޮނާޓޯ ގައުޗޯ ވެސް ކާމިޔާބުކޮށް، އޭނާގެ ކެރިއަރުގެ 24 ވަނަ ޓްރޮފީ އުފުލާލައިފަ އެވެ.
ސުއަރޭޒް، ގްރީމިއޯ އަށް ކަމްޕެއޮނާޓޯ ގައުޗޯ ކާމިޔާބު ކޮށްދިންއިރު އެޓީމުން ވަނީ މެޗަކުން ބަލިނުވެ ލީގު ބުރުގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ކޮނައުޓް ބުރުގެ ފައިނަލް ގައި ޓީމު ޗެމްޕިއަންކަން ހޯދި ގޯލް ޖެހީ ވެސް ސުއަރޭޒް އެވެ. އޭނާ ވަނީ ސްޓޭޓް ލީގުގައި ކުޅުނު 12 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
"ކެރިއަރުގައި ވަރަށް ބައިވަރު ކާމިޔާބީތައް ހޯދުމުގެ ނަސީބު އަހަރެންނަށް ލިބިއްޖެ. މިހާރު އަހަރެންގެ އުމުރުން 36 އަހަރު، އަހަރެން ބޭނުންވަނީ މި ކާމިޔާބީތައް އަހަރެންގެ ޓީމުގެ ކުޅުންތެރިންނާ ހިއްސާކުރަން،" ބާސެލޯނާގެ ޖޯޒީގައި 13 ތަށި އުފުލާލި ސުއަރޭޒް ބުންޏެވެ.
ބްރެޒިލްގެ ގައުމީ އެއް ވަނަ ޑިވިޝަނުން މީގެ ދެ އަހަރު ކުރިން ރެލިގޭޓްވި ގްރީމިއޯ، މި އަހަރު އަލުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ހޯދައިގެންނެވެ. ގްރީމިއޯ ވަނީ ބްރެޒިލްގެ އެއްވަނަ ޑިވިޝަންގެ ތަށި ދެ ފަހަރު ހޯދައިފަ އެވެ.
އަންނަ ހަފްތާގައި އެއްވަނަ ޑިވިޝަން ލީގު ފެށުމަށް ހަމަޖެހިފައި ވާއިރު، ބްރެޒިލްގެ އެފްއޭ ކަޕް މިދިޔަ މަހު ފަށައިފި އެވެ. ސުއަރޭޒް ކުޅޭ ގްރީމިއޯ ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ތިން ވަނަ ބުރަށް ހޮވިފަ އެވެ. ސުއަރޭޒް ވަނީ މި ދެ މެޗުގައި ވެސް ކުޅެ، އެއް ގޯލު ޖަހައިފަ އެވެ.