ޕޯޓޯ އަލެގްރޭ، ބްރެޒިލް (ޖެނުއަރީ 18) - ލުއިސް ސުއަރޭޒް ބްރެޒިލްގެ ޗެމްޕިއަން ގްރީމިއޯ އަށް ބަދަލުވެ، ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ހެދި ހެޓްރިކާ އެކު ސާއޯ ލުއިޒް އަތުން 4-1 އިން މޮޅުވެ ގްރީމިއޯ އިން ރިއޯ ގްރާންޑޭ ޑޮ ސުލް ސްޓޭޓްގެ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

އުރުގުއޭގެ ފޯވާޑް ސުއަރޭޒް ގްރީމިއޯ އަށް ބަދަލުވީ ނިމިދިޔަ ވޯލްޑް ކަޕަށް ފަހު، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ފަހު ކޮޅު ސުއަރޭޒް ވަނީ އޭނާގެ ކެރިއަރު ފެށި އުރުގުއޭގެ ނެސިއޮނާލް އަށް ކުރު މުއްދަތަކަށް ކުޅެފަ އެވެ.

ގްރީމިއޯ އަކީ ބްރެޒިލްގެ ރިއޯ ގްރާންޑޭ ޑޮ ސުލް ސްޓޭޓްގެ އެއް ވަނަ ޑިވިޝަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސުއަރޭޒް މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފަސް ވަނަ މިނިޓުގައި ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ 10 މިނިޓު ފަހުން ސާއޯ ލުއިޒް އިން ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރި ނަމަވެސް ދެ މިނިޓު ފަހުން ގްރީމިއޯގެ ބިޓޭލޯ ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިދީފަ އެވެ.

މެޗުގައި ސުއަރޭޒް ޖެހި ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 31 ވަނަ މިނިޓުގަ އެވެ. އޭނާގެ ހެޓްރިކް ފުރިހަމަކުރީ އޭގެ އަށް މިނިޓު ފަހުންނެވެ.

ގްރީމިއޯ އަކީ ބްރެޒިލްގެ އެއް ވަނަ ޑިވިޝަންގައި ގްރާންޑޭ ޑޮ ސުލް ސްޓޭޓް ތަމްސީލުކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އެ ޓީމު ވަނީ މިހާތަނަށް ދެ ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ގްރީމިއޯ، މި އަހަރު އަލުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ހޯދައިގެންނެވެ.