އުރުގުއޭގެ ކްލަބް ނެސިއޮނަލް އާއެކު ކްލަބް ކެރިއަރު ފެށި އެ ގައުމުގެ ތަރި ލުއިސް ސުއަރޭޒް، 16 އަހަރަށް ފަހު އުރުގުއޭގެ ޕްރިމޭރާ ޑިވިޝަންގެ ތަށި އެ ކްލަބާ އެކު އުފުލާލައިފި އެވެ.

ސުއަރޭޒް ވަނީ ނެސިއޮނަލް އާއެކު ކެރިއަރު ފެށި ފުރަތަމަ ސީޒަން 2005/2006 ގައި، އުމުރުން 19 އަހަރުގައި ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ސީޒަނުގައި ސުއަރޭޒް ވަނީ ކުޅުނު 27 މެޗުން 10 ލަނޑު ޖަހައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑާ އެކު ކޮންޓްރެކްޓް ހަމަވެގެން ސުއަރޭޒް އެނބުރި ގައުމަށް ގޮސް ނެސިއޮނަލް އާ ގުޅުނީ، އުރުގުއޭ ފުޓުބޯޅަ ސީޒަންގެ މެދުތެރެއިން، މި އަހަރުގެ ޖުލައި މަހު އެވެ. އޭނާ ވަނީ އެޓީމަށް 10 މެޗު ކުޅެދީ، ހަތަރު ގޯލު ޖަހައިފަ އެވެ.

ކެރީތޯއާ ވާދަކޮށް 2-1 އިން މޮޅުވެ އިއްޔެ ޗެމްޕިއަންކަން ހޯދި މެޗުގައި ސުއަރޭޒް ފުލް ކޮށް ކުޅުނު ނަމަވެސް އޭނާ އަށް ގޯލެއް ނުޖެހުނެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ފްރެންކޯ ފަގުންޑޭޒް އާއި ފިލިޕޭ ކާބާލޯ އެވެ. ކެރީތޯ އަށް ލަނޑު ޖަހައިދިނީ ހޫލިއަން ޕުރޭހޯ އެވެ.

ނެސިއޮނަލް އިން ލީގު ކާމިޔާބު ކުރީ، ބާކީ އެއް މެޗު އޮއްވައި، ވާދަވެރި އެތުލެޓިކޯ ރިވާ ޕްލޭޓް އާއި ޑިޕޯޓިވޯ މަލްޑިނާލްޑޯ އަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހަމަކޮށްގެންނެވެ.

މީގެ 16 އަހަރު ކުރިން ނެސިއޮނަލްގައި އުރުގުއޭ ލީގު ކާމިޔާބުކޮށް، ޔޫރަޕުގައި ސުއަރޭޒް ފުރަތަމަ ގުޅުނީ ނެދަލެންޑްސް ގެ ގްރެނިންގޮން އަށެވެ.

އޭގެ ފަހުން ސުއަރޭޒް ވަނީ އަޔެކްސް އަށް ބަދަލުވެ، ނެދަލެންޑްސް ލީގާއި ކަޕް ކާމިޔާބު ކުރުމުގެ އިތުރުން ލިވަޕޫލާ އެކު ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ސުއަރޭޒްގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ ބާސެލޯނާގަ އެވެ. ބާސާގައި އޭނާ ވަނީ ހަތަރު ފަހަރު ލަ ލީގާ އާއި ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށް، ދެ ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ބާސެލޯނާގައި ކާމިޔާބު ކުރި އެވެ.

ނަމަވެސް ބާސާ އިން އޭނާ ބޭނުން ނުވުމުން، އެތުލެޓިކޯ މެޑްރިޑާ ގުޅުމަށް ފަހު އެޓީމާ އެކު 2020/2021 ސިޒަންގެ ލީގު ކާމިޔާބު ކުރީ، ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު އެވެ.

އުރުގުއޭގެ އެތައް ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ސުއަރޭޒް އަކީ އޭނާގެ ރަން ޒަމާނުގައި އެގައުމުގެ އެންމެ ނުރައްކާ އެއް ފޯވާޑެވެ. މިހާތަނަށް ގައުމީ ޓީމަށް 134 މެޗު ކުޅެދީ، 68 ލަނޑު ޖަހައިދީފައިވާ ފޯވާޑް ވަނީ އުރުގުއޭ އާއެކު ކޮޕާ އެމެރިކާ ވެސް ކާމިޔާބު ކޮށްފަ އެވެ.

ޔޫރަޕުގެ ގުނަ ކުލަބުތަކަކުން ސުއަރޭޒް އަށް ކަޅި އަޅަމުން ދަނިކޮށް، ކުރު މުއްދަތަކަށް އެނބުރި ގައުމަށް އައިސް، އިއްޔެ ކުލުނު ލީގު މެޗަކީ އަންނަ މަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ކުރިން، ކްލަބް ލެވެލްގައި ސުއަރޭޒް ކުޅޭ ފަހު މެޗު ކަމަށް ގަބޫލު ކުރެވެ އެވެ.

އުމުރުން 35 އަހަރުގައި ސުއަރޭޒް އަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ފޯވާޑެކެވެ. އާޖެންޓީނާގެ ލީގު ނިމޭ ގޮތަށް ސުއަރޭޒް ޓީމު ދޫކޮށްލާނެ ކަމަށް ނެސިއޮނަލްގެ ރައީސް ހޯސޭ ފުއެންޓޭސް މިދިޔަ މަހު ބުނެފައި ވެއެވެ.