އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ތެރޭގައި އެންމެ ވަރުގަދަ، ތޮއްޔިބު ޝަހީމާއި ޝައްމޫން ޖަލީލް (ލޫކަސް) އަދި އަހުމަދު އަންވަރު (ސިމްވާ) އަށް ލޮޓަސް ކުންފުނިން ހިލޭ ސައިކަލް ދޭން ނިންމައިފި އެވެ.
ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) މިއަދު ވިދާޅުވީ އެ ތިން މީހުންނަށް ސައިކަލް ދޭން ނިންމީ މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ބަސްބުނުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިލާން ޖެހުނު ހާލަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އަމިއްލަ އަށް އަރުވާލެވިގެން ސްރީ ލަންކާގައި އެ ތިން މީހުން ވެސް ދިރިއުޅެން ފެށީ، ސަރުކާރަށް ފާޑުކިޔައި ކުރި ޓުވީޓްތަކާ ގުޅިގެން ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރަން ފެށުމުންނެވެ. .
ސްރީ ލަންކާގައި ތިބެގެން ވެސް އެ ތިން މީހުން ދިޔައީ، ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިޔައި އަދި ލަންކާގައި މި ސަރުކާރާ ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގެ މައުލޫމާތު އިދިކޮޅުގެ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ.
އާއްޓެ ވިދާޅުވި ގޮތުގައި ލަންކާ އިން ވަރަށް ގިނައިން އެ މީހުންނާ ބައްދަލުވެ، ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ގޮތުގައި ތިބެ އަނިޔާވެރިކަމާ ދެކޮޅަށް ކުރި ހިތްވަރު ވަރަށް ގާތުން ފެނިވަޑައިގަތެވެ.
"އެގޮތަށް ބައްދަލުވެ، ވަރަށް ގާތް ގުޅުމެއް ވެސް އެ ތިން މީހުންނާ އުފެދުނީ. އެ ގާތްކަމާ ވެސް އެކު، ބޮޑަށް ހަމަ އަނިޔާވެރިކަމާ ދެކޮޅަށް ކުރި ހިތްވަރަށް ޝުކުރު އަދާކުރަން ބޭނުންވީ،" އާއްޓެ ވިދާޅުވި އެވެ.
ބައެއް މީހުންނަށް ލޮޓަސް އިން ދޭތެރެ ދޭތެރެ އިން ހިލޭ ސައިކަލް ހަދިޔާކުރަމުން އަންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތޮއްޔިބާއި ލޫކަސް އަދި ސިމްވާ ވެސް ބޭނުން ސައިކަލެއް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެތަނުގައި ސައިކަލް ވިއްކާ އަގުތަކަށް ބަލާއިރު، ތިން ސައިކަލަށް ގާތްގަނޑަކަށް މަދުވެގެން 120،000ރ. އަރާނެ ކަމަށް އާއްޓެ ލަފާކުރައްވަ އެވެ.
"މިކޮޅަށް އައިސް އިނގިލި ޖައްސާފައި ބުނަންވީ ބޭނުންވާ ސައިކަލް. އެ މީހުން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ރަޖިސްޓްރީ ފީ ދެއްކުން،" އާއްޓެ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ގޮތުގައި ތިބި އެ ތިން މީހުންނަށް ސައިކަލް ދިނުމަކީ، އާއްޓެ ވިދާޅުވި ގޮތުގައި، އެހެން މީހުން ކުރި މަސައްކަތުގެ އަގު ވަޒަން ނުކުރުމެއް ނޫނެވެ. އަނިޔާވެރިކަމާ ދެކޮޅަށް، ހައްގުތަކަށް ވަކާލާތުކޮށް އިންސާފަށް އަޑުއުފުލި ގިނަ ބައެއްގެ މަސައްކަތް ފަނޑުވެގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.