ސަރުކާރުން ދައްކާ ވާހަކަތަކަށް ވުރެ ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތައް މީހުން މިހާރު މާ ބޮޑަށް ގަބޫލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ކަމަށްވާ ތޮއްޔިބު ޝަހީމާއި ލޫކަސް ޖަލީލު ފަދަ މީހުން ދައްކާ ވާހަކަތަކަށް މާ ބޮޑަށް އިތުބާރު ކުރެވޭ ކަމަށާއި ކަމެއް ތެދުކުރުމުގެ ބާރު އޮތީ ސަރުކާރު އަތުގައި ނޫން ކަމަށެވެ.

"އަޅުގަނޑަކީ ގާނޫނީ ދާއިރާ ދަންނަ މީހެއް. ރައްޔިތުން އިންތިހާބު ކުރި މަޖިލީހެއްގައި އިންނަ މީހެއް. ގާނޫނު އުގޫބާތު ހެދި ކޮމެޓީގެ މެމްބަރެއް. އެކަމަކު މި ސަރުކާރުން ދައްކާ ވާހަކަ އަށް ވުރެ ތޮއްޔިބު ޝަހީމާއި ލޫކަސް ޖަލީލާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އަށް އަޅުގަނޑު އިތުބާރު ކުރަން. އަދި ގިނަ މީހުން ވެސް ނޫސްތަކާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް ގަބޫލު ކުރޭ،" އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިތުރުން އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތި ވިދާޅުވީ ތެދުގެ މޮނޮޕޮލީ ނުވަތަ ކަމެއް ތެދުކުރުމުގެ ބާރު ހަމައެކަނި ސަރުކާރަށް ލިބިގެން ނުވާ ކަމަށާއި ދައުލަތުން ނުވަތަ މަތީ މަގާމުތަކުގައި ތިބޭ މީހުން ކުރާ ކަންކަމާ މެދު ބަސް ބުނުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.

ރޭ އިންތިގެ ވާހަކަ ބޮޑަށް އަމާޒު ކުރެއްވީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅިފައިވާ ހުރަސްތަކާ ގުޅޭ ގޮތުންނެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި އިރު ނޫސްވެރިންގެ ބޭނުން އެންމެ މަތީ ދަރަޖަ އަށް ހިއްޕެވި ކަމަށާއި އެކަމަކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ނޫސްވެރިން ދެކެ ވަޑައިގަންނަ ކޯފާއާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"ނޫސްވެރިންނެއް ނޫން، ޓްވީޓެއް ކުރާ މީހަކީ ވެސް ނޫސްވެރިއެއް ކަމަށް ބުނެ ޖަލަށް ދާ ތަން މި ފެންނަނީ. ސަރުކާރުން ބުނާ ބުނުމެއް ފިޔަވައި ނޫސްވެރިއަކު ލިޔާ ލިޔުމަކީ ނުވަތަ ފާޅުކުރާ ހިޔާލަކީ ވެސް މިހާރު ޖަލަށް ދާ ވަރުގެ ކަމެއް،" މިއީ ތަހުޒީބު އެއްވެސް ގައުމެއްގައި ކަންކުރާ ގޮތް ނޫން ކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާލު ފާޅު ކުރުމުގެ ކުރި މަރައެއް ނުލެވޭނެ އެވެ. އެހެން ގައުމުތަކުގައި ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ބާރުވެރިކަން ދީފައި އޮންނަނީ ދުނިޔޭގެ ބޮޑެތި އެތައް ހިޔާނާތެއް ނޫސްވެރިން ކުރި މަސައްކަތުން ފަޅާއަރުވާލާފައިވާތީ ކަމަށް ވިދާޅުވި އެވެ.

ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތި ވިދާޅުވީ "ހަމައިން ނެއްޓިފައިވާ ދައުލަތެއްގައި ހަމައިން ނެއްޓިފައިވާ ސިކުނޑިތަކަކާ އެއްހަމައަކަށް ދިޔުމަށް، ހަމައިގައި ތިބި މީހުންނާއި ދުނިޔޭގައި ކަން ހިނގާ ގޮތް އެނގޭ މީހުންނަށް މަޖުބޫރެއް ނުކުރެވޭނެ" ކަމަށެވެ.

"އެއީ އަދި މާބޮޑު ބޭއިންސާފެއް. އެއީ ހަމައެކަނި ރައްޔިތުންނަކަށް ނޫން، މުޅި ގައުމަށް އަދި މުޅި އިންސާނީ ހަޟޯރާތް ހޯދި ކުރި އެރުމަށް ވެވޭ ބޭއިންސާފެއް،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އިދިކޮޅު އެހެން ޕާޓީތަކުގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި އިންތި ވަނީ ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަށް އިންސާފު ހޯދައިނުދީ، އެ ސްޓޭޝަނުގެ ބައެއް ނޫސްވެރިންނަށް ދައުވާކޮށް އެތަން މިލިޔަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަދި އެ ސްޓޭޝަންތައް މޮނީޓާ ކުރާ ބްރޯޑްކާސްޓިން ކޮމިޝަންއަކީ މިނިވަން ތަނެއް ނޫންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.