އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ޝައްމޫން ޖަލީލް (ލޫކަސް) ސަރުކާރުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުން ލޫކަސް އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ތަޖުރިބާއެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ލޫކަސް ސަރުކާރުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހެދި ކަމެއް ސިޓީއަކު ނެތެވެ. އެކަމަކު، އޭނާ ސަރުކާރު ދިފާއު ނުކުރައްވާ ކަމަށް ބުނެ، ސަރުކާރުގެ ބައެއް ބޭފުޅުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
ލޫކަސް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅަކަށްވާއިރު، ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ނަޝީދު މިރޭ ސޮއިކުރައްވަން އޮތީ ހަމަޖެހިފަ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެކު ލޫކަސް ފޮޓޯއެއް ނެންގެވި މައްސަލާގައި ވެސް އޭނާއާ މެދު އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
ނަޝީދު ގާތް ހުރިހާ ބޭފުޅުން ވެސް ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އަށް ގުޅިފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފާއި އިމްތިޔާޒު ފަހުމީ ހިމެނެ އެވެ.