ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަން އިއްޔެ ފަށައިފި އެވެ.
އެފްއޭއެމުން ވަނީ އެޓޯލް ޗެމްޕިއަންޝިޕް ނަމުގައި ބޭއްވި އަތޮޅު މުބާރާތްތައް މިދިޔަ އަހަރު ނިންމާލައިފަ އެވެ.
ކޮލިފިކޭޝަނަށް އެފްއޭއެމުން ރާއްޖެ ބަހާލާފައި ވަނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށެވެ. ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ވެސް ވަނީ ދެ ޒޯނަކަށް ބަހާލައިފަ އެވެ. މާލޭ ރީޖަންގައި ހިމެނެނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނެވެ.
އެގޮތުން އިއްޔެ ވަނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު ހިމެނޭ ސެންޓްރަލް ރީޖަންގެ ދެ ޒޯންގެ ކުޅުން ފަށައިފަ އެވެ. ޒޯން 1 ގެ ކުޅުން އދ. މަހިބަދޫގައި ކުރިއަށް ގެންދާއިރު، ޒޯން 2 ގެ ކުޅުން ކުރިއަށް ގެންދަނީ ދ. މީދޫގަ އެވެެ.
ސެންޓްރަލް ރީޖަންގެ ޒޯން 1 ގައި ހިމެނެނީ އއ. ތޮއްޑޫ، އދ. މަހިބަދޫ، ކ. ހިންމަފުށި އަދި ކ. ހުރާ އެވެ. މި ގުރޫޕްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު މެދުގައި ޒޯން ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕެލޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި ޒޯންގެ ފުރަތަމަ މެޗުގައި މަހިބަދޫ ވަނީ 2-1 އިން ހިންމަފުށި ބަލިކޮށްފަ އެވެ.
މި ރީޖަންގެ ޒޯން 2 ގައި ވާދަކުރާ ހަ ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް 1 ގައި ދ. މީދޫ، ވ. ކެޔޮދޫ އަދި މ. މުލައް ހިމެނޭ އިރު، ގުރޫޕް 2 ގައި ހިމެނެނީ މ. ވޭވަށް، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ އެވެ. މި ޒޯންގެ ފައިނަލަށް ހޮވޭނީ ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމުތައް ބައްދަލުކުރާ ސެމީ ފައިނަލް މެޗުތަކަށް ފަހު އެވެ.
ޒޯން 2 ގެ ފުރަތަމަ މެޗުގައިޮ އިއްޔެ ބައްދަލުކުރީ މީދޫ އާއި ކެޔޮދޫ އެވެ. މި މެޗު މީދޫ ކާމިޔާބު ކޮށްފައި ވަނީ 7-2 އިންނެވެ.
ދެ ޒޯންގެ ވެސް ޗެމްޕިއަން އަދި ރަނަރަޕް، ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ސެންޓްރަލް ލީގަށް ކޮލިފައި ވާނެ އެވެ. ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭނީ ސެންޓްރަލް ލީގުގެ ޗެމްޕިއަން ޓީމެވެ.
ސެންޓްރަލް، ނޯތު އަދި ސައުތު ލީގު ޗެމްޕިއަން ޓީމުގެ އިތުރުން މާލޭ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ޓީމާއި، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.