ގއ. ވިލިނގިލީ ކައުންސިލަށް މި ފަހަރު ހޮވިވަޑައިގެންނެވި ހަބީބު ހަސަން އޭނާގެ ވާދަވެރިންނަށް ރައްދު ދެއްވީ ތަފާތު ގޮތަކަށެވެ. ހުވާކުރެއްވުމަށް ފަހު ކޯޓު ފަޓުލޫނުގައި އެންމެ ފުރަތަމަ ވެސް އަރައިވަޑައިގެންނެވީ ރުކަށެވެ. ބޭނުމަކީ ރާވެރިންނަށް ވެސް މަތީ މަގާމެއް އަދާކުރެއްވިދާނެ ކަން ސާބިތުކޮށްދެއްވުމެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ހަބީބަކީ ކުރިން ރާވެރިއެކެވެ. ރާނާ މީހެކެވެ. ވަޑިއެކެވެ.
ހަބީބު ވިދާޅުވި ގޮތުގައި އޭނާ އަށް އެނގިވަޑައިނުގަންނަވާ މަސައްކަތެއް ނޯންނާނެ އެވެ. އޭނާގެ ވާދަވެރިން އެންމެ ފާޑުކީ ވެސް އެކަމަށެވެ.
"އެމީހުން ބުނާ ގޮތުން އަޅުގަނޑަށް އެނގޭނީ ރާވެރިކަން ކުރަން. ކައުންސިލްގެ ގޮނޑިއެއް ފުރާކަށް ނޭނގޭނެ. އެހެންވެ، އަޅުގަނޑު ބޭނުންވީ ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން ސާބިތުކޮށްދޭން،'' ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން އެއްވެސް ޕްރޮފެޝަނަލް ވަޒީފާއެއް އަދާނުކުރެއްވުމަކީ ކައުންސިލަރު ކަމަށް ކުފޫ ހަމަވާން ނުޖެހޭ ސަބަބެއް ނޫނެވެ.
"އޮފީސް މަގާމެއް" މީގެ ކުރިން ފުރުއްވާފައި ނުވާތީ ސޯޝަލް މީޑިއާގައި ކީ ފާޑުކިޔުންތަކަށް ހަބީބު ރައްދު ދެއްވަން ކޯޓު ފަޓުލޫނުގައި ފޮޓޯއެއް ނެންގެވި ނަމަވެސް، ފަހުން ވެސް އޭނާ ރާވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމިއްލަ ގޯތީގައި އެބަހުރި ބައިވަރު ރުއްތައް. އެ ރުއްތަކުން ރާ ބޭލުމަކީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ނޫންތޯ، އަދި ކައުންސިލަރަކަށް ވިޔަސް،" ހަބީބު ވިދާޅުވި އެވެ.
އިއްޔެ އޮފީސް ނިންމާލެއްވުމަށް ފަހު ވެސް އޭނާ ވަނީ ރާވެރިކަން ކުރައްވާފަ އެވެ.
ހަބީބު ވިދާޅުވީ އޭނާ ރަށު ކައުންސިލަރު ކަމަށް ކުރިމަތިލެއްވީ، ރަށަށް ގެންނަ ތަރައްގީގެ މަޝްރޫއުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދާތަން ނުފެންނާތީ އެވެ. އަދި ހަމައެކަނި ރާވެރިއެއްގެ ގޮތުގައި ހުންނެވި އިރު ވެސް އެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެވަޑައިގެންނެވި ކަމަށާއި އެކަމަކު އެންމެ ރަނގަޅަށް އެކަންތައް ނުކުރެއްވުނު ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑު މިކުރާ ރޭނުމާއި ވަޑާން ކުރުން ފަދަ މަސައްކަތް ކޮށްގެން ވެސް 10،000 އަށް ވުރެ ގިނަ ރުފިޔާ ލިބިދާނެ. އެކަމަކު އަޅުގަނޑު ބޭނުންވީ، ސަރުކާރުން މި ރަށުގައި ހިންގާ އެކި މަޝްރޫއުތައް އެންމެ ރަނގަޅަށް ކުރަން. އެހެންވެ، މި މަގާމަށް ކުރިމަތިލީ،" ހަބީބު ވިދާޅުވި އެވެ.