އަންނަ ޖެނުއަރީ 14ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 51 ގޮނޑިއަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން މިއަދު ފަށައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީސްގެ ވޯޓުލުން ފެށީ މިއަދު މެންދުރު ފަހު 2:30ގަ އެވެ. އަދި މިރޭ 9:00އާ ހަމަޔަށް ވޯޓުލުން ކުރިޔަށް ގެންދާ ގޮތަށް އެ ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި މިއަދު ވޯޓުލުން ކުރިޔަށް ދަނީ. ފޮޓޯ: މުހައްމަދު ޝަރުހާން
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި މިއަދު ވޯޓުލުން ކުރިޔަށް ދަނީ. ފޮޓޯ: މުހައްމަދު ޝަރުހާން

އެމްޑީޕީން މިއަދު ވޯޓުލުން ކުރިޔަށް ގެންދަނީ ތިން ސިޓީގެ ނުވަ ގޮނޑިއަކަށާއި 36 ރަށު ކައުންސިލް އަދި ހަ އަތޮޅު ކައުންސިލަކަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށެވެ. އެ އިންތިހާބުގައި މާލޭގެ ހަރުގޭގައި އާއި އެމްޑީޕީ އޮފީހުގައި ވޯޓުލުމަށް ފޮށި ބަހައްޓާފައިވެ އެވެ. އެ އިންތިހާބު އޮންނަ ކޮންމެ ރަށެއްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ހޮވޭ އެ ޕާޓީގެ ކެންޑިޑޭޓުން މިރޭ އެނގިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މިރޭ ހުރިހާ ދާއިރާއެއްގެ ނަތީޖާ އިއުލާންކުރެވޭނެ ކަމަށް. އަދި ކެންޑިޑޭޓުން އަންނަ އަންނަ ހަފުތާގެ ތެރޭގައި ޓިކެޓް ހަވާލުކުރުން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި މިއަދު ވޯޓުލުން ކުރިޔަށް ދަނީ. ފޮޓޯ: މުހައްމަދު ޝަރުހާން
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި މިއަދު ވޯޓުލުން ކުރިޔަށް ދަނީ. ފޮޓޯ: މުހައްމަދު ޝަރުހާން

އަނަސް ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީން ވާދަކުރަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ ގުޅިގެން ކަމަށެވެ. އެގޮތުން އެމްޔޫއޯގެ ފަރާތުން ލޯކަލް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް އެމްޔޫއޯގެ ތެރެއިން ލިބުނު 76 ޕަސެންޓްގެ ގޮނޑީގެ ތެރެއިން 51 ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން މިއަދު މި ހޮވަނީ. މި އިންތިހާބު ނިމުމާއެކު އަޅުގަނޑުމެން ރަސްމީކޮށް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗްކުރުން އޮންނާނެ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭން ލޯންޗްކުރުމަށްފަހު މުޅި ރާއްޖޭގައި އިންތިހާބުގެ ކެމްޕޭން ކުރިޔަށްގެންދާނެ ކަމަށެވެ.