ލިޓަސް އޮޓޯ މޯބައިލްސްގެ ކަސްޓަމަރުުންނަށް ބާ ސައިކަލުގެ ބަދަލުގައި އާ ސައިކަލެއް ލިބޭ އެކްސްޗޭންޖް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މިއީ މިގޮތަށް ސައިކަލު ބަދަލު ކުރެވޭ ގޮތަށް ރައްޖޭގައި ފެށި ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން ލިޓަސްގެ ކަސްޓަމަރުން މިހާރު ގެންގުޅޭ ސައިކަލު ގެންދިއުމުން އޭގެ އަގު ކަނޑައަޅައި އަލަށް ބޭނުންވާ ސައިކަލުގެ އަގުން އެބައި އުނިކޮށްދޭނެ އެވެ. އެހެންކަމުން އާ ސައިކަލުގެ ޕޭމަންޓަށް ދައްކަން ޖެހޭނީ ވަރަށް ކުޑަ އެއްޗެއް ކަމަށް ލިޓަސް އިން ބުންޏެވެ.

ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ މިއީ އެ ކުންފުނީގެ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މި މަހުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ ޕައިލެޓް ޕްރޮގްރާމެއް ގޮތުގައި ކަމަށާއި ކުރިއަށް އޮތްތާނގައި ލިޓަސް ކަސްޓަމަރުން ނޫން މީހުންނަށް ވެސް ފުރުސަތު ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ސައިކަލު އަޕްގްރާޑު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ ޕްރޮގްރާމް. އަޅުގަނޑުމެން މި ތައާރަފު ކުރީ އިންސްޓޯލްމަންޓް ޕްލޭންތަކަށްވުރެ ވެސް ކަސްޓަމަރުންނަށް ފަސޭހަ ޕްރޮގްރާމެއް. މީގެ ސަބަބުން ސައިކަލު އަޕްގްރޭޑު ކުރަން ބޭނުންވާ ގިނަ ބަޔަކަށް އެ ފުރުސަތު ލިބޭނެ،" އާސިފް ވިދާޅުވި އެވެ.

ލިޓަސް އިން ޕައިލެޓް ޕްރޮގރާމުގެ ދަށުން މި މަހު ހުޅުވާލަނީ އެ ކުންފުނީގެ 50 ކަސްޓަމަރަކަށް ސައިކަލު އަޕްގްރޭޑު ކުރުމުގެ ފުރުސަތެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ލިޓަސްގެ ކޯލްސެންޓަރު 7797442 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.